ސަރުކާރުން އިޢުލާން ކުރައްވާފައިވާ މަތީ ތަޢުލީމްގެ ލޯން ސްކީމްގައި، ނަފްސާނީ ބަލީގެ ސްޕެޝަލިސްޓުން ތަމްރީނު ކުރުމަށް ބޮޑު ޢަދަދެއް ކަނޑައަޅުއްވާފައި ވާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލް ޖުމްހުރިއްޔާ މިހެން ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދެވުމަށް ކަނޑައެޅުއްވި ވަޢުދުތަކު ތެރޭގައި ހިމެނިގެން އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގައި ޤާއިމުކުރި މެންޓަލް ހެލްތު ސެންޓަރ މިއަދު ހުޅުއްވައި ދެއްވުމަށްހު ދެއްކެވި ވާހަކަފުޅުގައެވެ.
މިފަދަ މަރުކަޒެއް ޤާއިމުކުރުމަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ތަންފީޒު ކުރުމަށް ކަނޑައެޅި ކަމެއްކަން ފާހަގަ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު މިހުޅުވި މެންޓަލް ހެލްތް ސެންޓަރަކީ، ނަފްސާނީ ބަލި ތަޙައްމަލް ކުރާ މީހުންނަށް ކުރިމަތިވާ އުނދަގޫތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ މަރުކަޒަކަށްވާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައެވެ.
މި މަރުކަޒުގެ ޚިދުމަތް ކުރިމަގުގައި އިތުރަށް ތަރައްޤީކުރައްވައި ފުޅާކުރައްވާނެ ކަމަށާއި އެކަމަށްޓަކައި، ތަޖްރިބާ ލިބިފައިވާ ޑޮކްޓަރުންނާއި، އެހެނިހެން ފަންނީ މީހުން ތަމްރީނުކުރެއްވުމަށް، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.