މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަތަރު ކިލޯ ޑުރަގާއެކު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ޑުރަގް އަތުލައިގަތީ ގިނަ އަދަދެއްގެ ޑުރަގް އެތެރެކުރި ކަމަށް ފުލުހުންގެ އިންޓެެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ ހަތަރު ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ އޮޕަރޭޝަންގައި މާލޭގެ 10 ތަނެއް ބަލައިފާސްކޮށް، ހަތަރު ކިލޯގެ ހެރޮއިން އަތުލައިގެންފައިވާ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށްވެސް ވިދާޅުވިއެވެ.
ޓުވީޓާއެކު ސީޕީ ހަމީދު އާންމު ކުރެއްވި ފޮޓޯތަކުން ފެންނަ ގޮތުގައި އަތުލައިގަތް ޑުރަގް ހުރީ ދޮންނަ މެޝިނެއްގެ ތެރޭގައި ފޮރުވައިފައެވެ.