ޚަބަރު

ކުޑަގިރީގައި މާހަފަން ހާއްސަ މެނޫއެއް

ރިފާ ހަލީލު

މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ހާއްސަކޮށްގެން ހުޅުވި، ކުޑަގިރި ޕިކްނިކް އައިލެންޑަށް މާހަފަން ދާ ފަރާތްތަކަށް ހާއްސަ މެނޫއެއް ތައާރަފުކޮށްފިއެވެ.

ކުޑަގިރި ޕިކްނިކް އިލެންޑްގެ އޮފިޝަލް ޓުވިޓާ އެކައުންޓުން މިއަދު ކުރި ޓުވީޓެއްގައި، މެނޫއާއެކު މާހެފުން މަޖާ ނަގަން ކުޑަގިރިއަށް ދިއުމަށް ވަނީ ދައުވަތު ދީފައެވެ.

މި މެނޫގައި ދިވެހިންނާ ގުޅޭ ދިވެހި ރަހަތައް ވަނީ ހިމަނާފައެވެ. އެގޮތުން ކުޅި އަދި ފޮނި ފާރޮއްޓާއި، އަވެއްޔާއި ވަޅޯ މަހާއި ކަދުރާއި ކިރުސަރުބަތާއި ސޫޖީ ހިމެނެއެވެ. އޭގެ އިތުރުން ކުޅިބޯކިބާ އާއި ޕާންބޯކިބާގެ އިތުރުން ރޮއްޓާއި މާފުށްވެސް ހިމެނެއެވެ.

މި މެނޫގައި ޖުމުލަ 16 ބާވަތް ހިމެނޭއިރު ބޮލަކަށް 165 ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ.

ހަފުތާ ބަންދުގައި ދުރާލައި ބުކިން ހެދުމަކާނުލައި ކުޑަގިރިއަށް ދެވޭއިރު ގިނަ ބަޔަކު މިހާރުވެސް އެތަނަށް މާހެފުން ބޭއްވުމަށާއި އާއިލާއެކު މަޖާކުރުމަށް ދެއެވެ.