ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ، މުއްދަތު ހަމަވެފައިވާ ވޯކް ޕާމިޓު އާކުރާއިރު އިމިގްރޭޝަންނަށް ފައިސާ ދައްކަން ނުޖެހޭ ގޮތަށް ގަވައިދު އިސްލާހުކޮށް މީގެކުރިން ގެޒެޓު ކުރެވިފައިވަނީ އޮޅުމަކުން ކަމަށް އިގްރޭޝަނުން ބުނެފިއެވެ.
މިއަދު ނެރުނު ނޫސްބަޔާނެއްގައި އިމިގްރޭޝަނުން ބުނެފައިވަނީ، ވޯކްވިސާއަށް ދައްކަންޖެހޭ 6،000 ރުފިޔާ ދައްކަން ނުޖެހޭގޮތަށް ގަވާއިދަށް ބަދަލުގެނަސް ގެޒެޓް ކުރެވިފައިވާއިރު އިމިގްރޭޝަންގެ މެނޭޖް މަންޓަށް ބަދަލުއައިސް، އިމިގްރޭޝަނުން ކުރަމުންދިޔަ ބައެއް މަސައްކަތްތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މެއިންޑޭޓްގައި ހިމެނިފައިވާ ކަމަށެވެ.
އެހެންކަމުން އިމިގްރޭޝަންގެ މެއިންޑޭޓަށް އައި ބަދަލާ ގުޅިގެން ބިދޭސީންގެ ވޯކް ވިސާއަށް ގެންނައި އެ ބަދަލުގައި ފުށުއެރުންތަކެއް ހުރުމުން އެކަން ބާތިލްކުރަން ނިންމާފައިވާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީންގެ ވޯކްވިސާ އާ ބެހޭ ގަވައިދުގައިވާ ގޮތުން ވަޒީފާ ދޭ ފަރާތާއި ބިދޭސީ މީހާއާ ދެމެދު ވެފައިވާ އެއްބަސްވުގެ އިތުރުން އިމިގްރޭޝަނަށް 6،000 ރުފިޔާ ދައްކަން ޖެހެއެވެ.
އެހެންނަމަވެސް އިސްލާހުކޮށް ގެޒެޓްކުރި، ވޯކްވިސާއާ ބެހޭ ގަވައިދުގައި ބުނަނީ، ހުއްދަ އަލުން ހޯދުމަށް ހުށަހަޅަން ޖެހޭނީ ވަޒީފާ ދޭ ފަރާތާއި ބިދޭސީ މީހާއާ ދެމެދު ވެފައިވާ އެއްބަސްވުން އެކަނި ކަމަށާއި ފައިސާ ދައްކަން ނުޖެހޭ ކަމަށެވެ.
އެ އިސްލާހު މިހާރުވަނީ ގެޒެޓުން ނަގައިފައެވެ.
ކުރިން އިމިގްރޭޝަނުން ކުރިއަށްގެންދިޔަ ބައެއް ހިދުމަތްތައް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު އިތުރުވަމުންދާތީ އިމިގްރޭޝަނުން އެފަދަ ބަދަލެއް ގެންނަން ނިންމިއިރު މިހާރު ވެސް ގައިވަދާ ހިލާފަށް ކޯޓާ ހޯދައިގެން ބިދޭސީން އެތެރެކުރި 67 ފަރާތެއްގެ މައްސަލަ ދަނީ ބަލަމުންނެވެ.