ރިޔާސީ އިންތިހާބުގައި ވޯޓުލާ އާބާދީގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީތަކަށް ލިބިފައިވާ ކަމަށް ދައްކައިފިއެވެ.
އެގޮތަށް ދައްކާފައިވަނީ، އަންނަ ރިޔާސީ އިންތިހާބުގައި މިހާތަނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހާމަ ކޮށްފައިވާ އިރު، އެ އަދަދުތަކުންނެވެ.
މީގެ ކުރިން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ މެޖޯރިޓީ އޮންނަނީ ޕާޓީތަކަށް ނިސްބަތް ނުވާ މީހުންނަށެވެ. އެއީ ގިނަ މީހުންނަކީ ޕާޓީތަކާ ގުޅިފައި ނުވާ މީހުންނަށްވާތީއެވެ.
ނަމަވެސް އީސީގެ ނާއިބު ރައީސް އިސްލާއީލް ހަބީބު، މިއަދު އާއްމުކުރެއްވި އަދަދުތަކުން ދައްކާގޮތުގައި އެ އަދަދުތަކަށް ވަނީ ބަދަލު އައިސްފައެވެ.
ހަބީބު އާއްމުކުރައްވާފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 283،272 މީހުންނަށެވެ. އޭގެ ތެރެއިން 58 ޕަސެންޓް މީހުން ނިސްބަތްވަނީ އެކި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މީހުންގެ މައްޗަށެވެ. އެހެންކަމުން އެއްވެސް ޕާޓީއެއްގައި ރަޖިސްޓްރީ ނުވެ ތިބި މީހުންގެ ނިސްބަތަކީ 42 ޕަސެންޓެވެ.
އެންމެފަހުން އީސީން އާންމުކުރި ސިޔާސީ ޕާޓީތަކުގެ ލިސްޓުގައި، 11 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އޭގެ ތެރޭގައި އެންމެ ގިނަ މެންބަރުން ހިމެނޭ ޕާޓީތަކަކީ، 57،660 މެމްބަރުން ތިބި އެމްޑީޕީ އާއި 38،704 މެމްބަރުން ތިބި ޕީޕީއެމާއި 22،607 މެމްބަރުން ހިމެނޭ ޖުމްހޫރީ ޕާޓީއެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ވެރިކަމުގައި ހުންނަ ރައީސަކު ހޮވުމަށް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހުގެ 9 ގައި ބޭއްވުމަށް އީސީން ވަނީ ނިންމައިފައެވެ.