ވ. އާރަށް މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފު ބަލައިގަތުން ލަސްވުމާއި އެމަނިކުފާނު ޖަލަށް ލާން ހުކުމްކުރި ފަނޑިޔާރު އަހުމަދު ޝަކީލް ހައި ކޯޓަށް އައްޔަން ކުރަން ނިންމުމުން އިދިކޮޅު ކޯލިޝަނުން އެ ކޯޓަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު ހިނގައްޖެ އެވެ.
އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވުމުން ޔާމީނަށް އިއްވި ހުކުމް އިސްތިއުނާފު ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އިސްތިއުނާފަށް ހުށަހެޅިތާ މިހާރު ވަނީ ދެ ހަފުތާ ވާން ކައިރިވެފައެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން ގޮތެއް އަދި ނުނިންމަ އެވެ.
އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ އިސްވެރިން ހައި ކޯޓަށް ވަޑައިގަތުމަށްފަހު ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޔާމީންގެ އިސްތިއުނާފު ބަލައިގަތުން ލަސްވާތީ ހައި ކޯޓުގެ ރަޖިސްޓްރާއާ ބައްދަލުކުރަން މަސައްކަތް ކުރިޔަސް، އެ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ.
"އެކަމަކު އަޅުގަނޑުމެން މާދަމާވެސް އަންނާނަން، މި މައްސަލައާ މެދު ގޮތެއް ނިންމަންދެން އަޅުގަނޑުމެން ހުއްޓައެއް ނުލާނަން" އަބްދުއްރަހީމް ވިދާޅުވިއެވެ.
ހައި ކޯޓަށް ފަހު ޖޭއެސްސީއަށް ގޮސް، އެ ކޮމިޝަންގެ ސެކްރެޓްރީ ޖެނެރަލާ ބައްދަލު ކުރެއްވުމަށްފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ޖޭއެސްސީއަށް އިދިކޮޅުން ހުށަހެޅީ މައިގަނޑު ތިން ކަމެއް ކަމަށެވެ. އެއީ ޔާމީންގެ އިސްތިއުނާފު މައްސަލަ ބަލައިނުގަނެ ލަސްވާ މައްސަލަ ބަލައިދިނުމަށާއި ޖޭއެސްސީގެ ނުފޫޒު ކޯޓުތަކަށް، ހާއްސަކޮށް ޔާމީންގެ މައްސަލައަށް ފޯރުވާތޯ ސާފުކުރުމުގެ އިތުރުން ޔާމީނަށް ހުކުމް ކުރާ ފަނޑިޔާރުންނަށް ޕްރޮމޯޝަން ދޭ މައްސަލަ ބަލައިދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެންނަށް އެސްޖީ ޔަގީންކަން ދެއްވި އަޅުގަނޑުމެން މި ހުށަހެޅި ކަންތައްތައް ބަލައިދެއްވައިފައި ވަރަށް އަވަހަށް އެއަށް ޖަވާބެއް ދެއްވާނަމޭ" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވާ މައްސަލައިގައި އެއްޗެއް ދަންނަވަން ޖޭއެސްސީގެ އެސްޖީ ބޭނުން ނުވި ކަމަށެވެ.
ޔާމީނަކީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެވެ. އާރަށް މައްސަލައިގައި ކުރިމިނަލް ކޯޓުން ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ހުކުމާއެކު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް އޮތީ ގެއްލިފައެވެ. ނަމަވެސް އެ ހުކުމް މަތީ މަރުހަލާގައި ބާތިލުކޮށްފިނަމަ، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެއެވެ.
އާރަށް މައްސަލައިގައި ޔާމީނަށް ޖަލު ހުކުމެއް އިއްވާފައިވާ އިރު، ރ. ފުއްގިރި ކުއްޔަށް ދިން މައްސަލާގައި ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތްވެސް ކުރިމިނަލް ކޯޓުން މިހާރު ވަނީ ފަށައިފައެވެ.