ޚަބަރު

ހުރިހާ އަތޮޅެއްގައި މެންޓަލް ހެލްތުކެއާ ކޯޑިނޭޓަރުން ބޭތިއްބުމަށް ސަރުކާރުން ވަނީ ނިންމައިފަ: ރައީސް ސޯލިހު

މަރިޔަމް ޝަހުދާ

ކޮންމެ އަތޮޅެއްގައި މެންޓަލް ހެލްތު ކެއާ ކޯޑިނޭޓަރުން ބޭތިއްބުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު އައިޖީއެމްއެޗްގައި ކުރިއަށް ދިޔަ ހަފްލާއެއްގައި ނަފްސާނީ ބަލިތަކަށް ހާއްސަ މަރުކަޒު ''ސެންޓަރ ފޮރ މެންޓަލް ހެލްތު'' ހުޅުއްވައި ދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ނަފްސާނީ ބަލީގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ތިމާއަކީ ނަފްސާނީ ބަލި ތަހައްމަލު ކުރަމުންގެންދާ މީހެއްކަން ނޭނގޭ އެތައް މީހުންނެއް އުޅޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ނަފްސާނީ ބަލި ތަހައްމަލު ކުރަމުން ގެންދާ މީހުން ފަރުވާ ހޯދުމަށް އުޅޭ ހިތްދަތި ހާލާއިމެދު ދެރަވާކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމަށް ބޭނުންވާ މީހުން ދިގު ވެއިޓިންގް ލިސްޓުތަކުގައި ނަން ނޯޓުކޮށްގެން ތިބޭކަން ރައީސް ވަނީ ފާހަގަ ކުރައްވައިފައެވެ. އަދި ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ މިހާލަތު މިހާރު އޮތް ގޮތަށް ވުރެ ރަނގަޅު ގޮތަކަށް ބަލަދުވުން ކަމަށެވެ.

މީގެ ކުރިން ފަސޭހަ ކަމާއެކު ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުން އަންނަ ފަރާތްތަކަށް ފަސޭހައިން ބޭސްފަރުވާގެ ކަންކަން ރާއްޖެއިން ހަމަނުޖެހުން ކަމުގައި ވީނަމަވެސް، ސަރުކާރުން މިއަދު ހުޅުވި ނަފްސާނީ ބަލިތަކަށް ހާއްސަ މަރުކަޒާއެކު ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން، ޤައުމީ ފެންވަރެއްގައި، ނަފްސާނީ ބަލީގެ މީހުންނަށް އޯގާތެރިކަމާއެކު ފަރުވާ ކުރެވޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުމަކީ މި މަރުކަރުގެ ބޭނުން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ހަމައެކަނި މި މަރުކަޒުން ނަފްސާނީ ބަލިތައް ތަހައްމަލް ކުރާ ފަރާތްތަކުގެ އުނދަގޫތައް ހައްލު ނުވާނެކަމަށާއި، ނަމަވެސް މި ކަމަކީ އެފަދަ މީހުންނަށް ކޮންމެވެސް ވަރެއްގެ ލުއި ފަސޭހަތަކެއް ލިއްބައިދޭނެ ރަނގަޅު ފެށުމެއްކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވަނީ އަތޮޅު އަދި ރަށު ފެންވަރުގައި ނަފްސަނީ ބަލިތައް ތަހައްމަލު ކުރާ ފަރާތްތަކައް ހިދުމަތް ލިބޭ ގޮތަށް ކޮންމެ އަތޮޅެއްގައި މެންޓަލް ހެލްތްކެއަރ ކޯޑިނޭޓަރުން ބޭތިއްބުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ވިދާޅުވެފައެވެ.

މިއަދު އައިޖީއެމްއެޗް ގައި ގާއިމް ކުރެވިގެން ދިޔަ ނަފްސާނީ ބަލިތަކައް ހާއްސަ މަރުކަރުގައި، އޯޕީޑީގައި ބަލިމީހުން ބެލުމާއި، އެނދުމަތިކޮށްގެން ދެވޭ ފަރުވާ ދިނުން ހިމެނެއެވެ.

މީގެ އިތުރުން އަވަސް ފަރުވާއަށް ބޭނުންވާ ބަލި މީހުންނަށް ފަރުވާދިނުމާއި، ނަފްސާނީ ބަލިތައް ވަޒަންކުރުމާއި، ބަލި ދެނެގަތުމާއި، ބޭހުގެ އެހީގައި ފަރުވާދިނުމާއި، ސައިކޮލޮޖިކަލް ހިދުމަތްތަކާއެކު ފަރުވާ ދިނުމާއި، ރީހެބިލިޓޭޝަން އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުން ފަދަ ތާފާތު އެކި ހިދުމަތްތައް ފޯރުކޮށްދެއެވެ.