ޚަބަރު

ހަންކެޑެ މަޝްރޫއަށް ފައިސާ ހަމަޖެހިއްޖެ، ގަން އެއާޕޯޓް ތަރައްގީކޮށް ނިމޭއިރު 6،000 އެނދު ހުންނާނެ: ފައްޔާޒް

2

އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރާ އައްޑޫ ހަންކެޑެ މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެހިއްޖެ ކަމަށާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމޭއިރު، އައްޑޫއިން ޓޫރިޒަމަށް 6،000 އެނދު ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން އިންޑިއާގެ ރެނާޓަސް ކުންފުންޏަށް ހަވާލު ކުރަން މީރުމާ ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ އައްޑުއަށް ސިޓީއެއްގެ ލަގަބު މީގެ އަހަރުތަކެއް ކުރިން ދީފައިވީނަމަވެސް ސިޓީއަކަށް އަންނަން ޖެހޭ އުމްރާނީ ތަރައްގީ ލިބިފައިނުވާ ކަމަށެވެ. އެކަން ދެނެގަނެ، ދެކުނުގެ އިގުތިސޯދުގެ މައި ހަބުގެ ގޮތުގައި އައްޑޫ ސިޓީ ތަރައްގީކުރުމަށް ވަށާޖެހޭ ޕްލޭނެއް އެކުލަވާލައި މި ސަރުކާރުން އެކަން ތަންފީޒުކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކުރުމުގެ މަޝްރޫއާ އެކު އައްޑޫގެ ފަތުރުވެރިކަމުގެ އެނދުތައްވެސް މާކެޓަށް ނެރުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހަންކެޑެ ތަރައްގީކުރުމާއި ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އަދި އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އިތުރު ފަސް ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތްވެސް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ހަންކެޑެ ތަރައްގީ ކުރަން ވަނީ ފައިސާ ހަމަޖެހިފަ. މިއާއެކު ހުރި ގެސްޓްހައުސްތަކާއެކު އެއްބަސްވުމަކަށް އައިސް މަސައްކަތް ފެށޭނެ. މިއާއެކު ވިލިނގިލި ރިސޯޓުގެ މައްސަލަވެސް ހައްލުވާނެ. މިއާއެކު އައްޑޫގައި 6،000 އެނދު އުފެދޭނެ. މިވަރުން އެނދުގެ އަދަދު 8،000 އެއްނުވޭ. ނަމަވެސް މިވަރުން ފުދޭނެ ކަމަށް ބެލެވެނީ،" ފައްޔާޒު ވިދާޅުވިއެވެ.

ހަންކެޑޭގައި ރިސޯޓެއް ތަރައްގީ ކުރަން މިހާތަނަށް ފަސް ފަހަރެއްގައި މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެކަން ހަގީގަތަކަށް ނުވެ އޮއްވައި ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް، ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ މޯލްޑިވްސް ފަންޑު މެނޭޖުނަންޓް ކޯޕަރޭޝަނުން ވަނީ ހަންކެޑެ ތަރައްގީކުރުމަށް އިއުލާނުކޮށް ޑިޒައިންގެ ފޮޓޯތައް އާއްމުކޮށްފައެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި ހަންކެޑޭގައި 1،041 ކޮޓަރި ހެދުމަށް ވަނީ ހަމަޖައްސައިފައެވެ. އަދި ކޮޓަރިތައް ހަދަނީ ތަފާތު އެކި ރޭންޖުތަކާއި ތަފާތު ޑިޒައިންތަކަށް ކަމަށްވެސް ބުނެފައިވެއެވެ. އެ މަޝްރޫއުގެ ޖުމްލަ އަގަކީ ގާތްގަނޑަކަށް 175 މިލިއަން ޑޮލަރު (2.6 ބިލިއަން ރުފިޔާ) އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟