ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

މާމިގިލި ތަރައްގީ ކުރާނީ ގާސިމްގެ ޖީބަކުންނޫން، ސަރުކާރުގެ ބަޖެޓުން: އަލީ ވަހީދު

ޝަހީދާ އަބްދުﷲ ސައީދު

މާމިގިލި ތަރައްގީ ކުރަންޖެހޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ޖީބުން ނޫން ކަމަށާއި އެއީ ސަރުކާރުގެ ބަޖެޓުންކޮށްދެންޖެހޭނެ ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ކެމްޕެއިން ލޯންޗް ކުރުމަށް ރޭ މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުން ޖަހާ ''ދަނޑޫރާ'' ތަކުން ރާއްޖޭގެ ތަރައްގީއަށް އެއްވެސް ހުރަހެއް އެޅިގެން ނުވާނެ ކަމަށާއި މިސަރުކާރަކީ ޖުމްހޫރީ ޕާޓީގެ ހިއްސާ އޮވެ، އެޕާޓީގެ ފުރިހަމަ ބައިވެރިވުމާއެކު ގެނައި ސަރުކާރެއް ކަމަށެވެ.

އެހެންކަމުން ލީޑަރުންނާއި ކޯލިޝަންގެ އިސްވެރިން މަސައްކަތް ކުރަންޖެހޭނީ ސަރުކާރަކީ ރައްޔިތުންނަށް އޯގާތެރި އަދުލުވެރި ސަރުކާރަކަށް ހެދުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ އުންމީދަކީ 2023 ވަނަ އަހަރާ ހަމައަށް ދާއިރު ކޯލިޝަން ސަރުކާރަކީ މީގެކުރީގެ ސަރުކާރުތަކަށް ވުރެ ތަރައްގީގެ ދުވެލި ބާރު އަދި ރައްޔިތުންނަށް ގިނަ ކަންކަން ކޮށްދޭ ސަރުކާރަކަށް ވެގެންދިއުން ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދިގެން ދިޔަގޮތް ރައްޔިތުން ހަނދާން ހުންނާނެ ކަމަށާއި ކޯލިޝަންގެ އަހުދާއި ވައުދުތައް ވެގެން ދިޔައީ އއ. އުކުޅަހުގައި، ވަރަށް ބޮޑެތި ފިއްތުންތަކާއެކު ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ސަރުކާރެއް އުފެއްދުމަށްފަހު ވައުދުތައް ފުއްދުމަށްޓަކައި ކޯލިޝަންގެ ލީޑަރުން އެކުގައި ތިއްބެވުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. އެކަން ކުރަންޖެހެނީ މުޅި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ވިދާޅުވިއެވެ.

އަދި ދިހަ އަހަރުވަންދެން ދެބަސްވުންތަކާއި ވާދަވެރިކަމުގައި ދާން ނުޖެހޭ ހިސާބަށް ދެވިއްޖެ ކަމަށާއި އެމްޑީޕީގެ ޕޯޑިއަމްގައި ރެއާއި ދުވާލު ޖުމްހޫރީ ޕާޓީގެ ލީޑަރު ހަވަރަށް ދީގެން ހަޅޭއްލަވަން ނުޖެހޭ ކަމަށާއި އަދި ޖުމްހޫރީ ޕާޓީގެ ޕޯޑިއަމަކީ ރައީސް ނަޝީދަށް ބަވަންޖެހޭ ޕޯޑިއަމެއްކަމަށް ގަބޫލު ނުކުރައްވާކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަދި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ކޮންމެ މީހަކީ ކާކުކަމާއި އެމީހެއްގެ ހަސީލަތާއި، އެމީހެއްގެ ފަސްބައި ހުރި ގޮތް ނޭނގޭ ރައްޔިތަކުން ނުހުންނާނެ ކަމަށްވެސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު މިހެން ވިދާޅުވި ނަމަވެސް އަލީ ވަހީދުގެ ފަހުން ވާހަކަދެއްކެވި ގާސިމް އިބްރާހީމް ވަނީ ޖުމްހޫރީ ޕާޓީގެ ޕޯޑިއަމްގައި ނަޝީދަށް ބަހުގެ ހަމަލާތަކެއް ދެއްވައިފައެވެ.