ޝަހީދާ އަބްދުﷲ ސައީދު
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހުރަސްއެޅުމުގެ އެއްވެސް ކަމެއް މިސަރުކާރުގައި ނުކުރާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
މަޖިލިސް ކެމްޕެއިން ލޯންޗް ކުރުމަށް ރޭ މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި މަޖިލީހުގައި ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރީ ވަރަށް ހިތްދަތި ގޮތަކަށް ކަމަށާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށްވެސް ލިބިވަޑައިގެންނެވި ކަމަށެވެ.
އަދި މަޖިލީހުގައި ކަންކަން ހިނގާދިޔަ ގޮތް ވަރަށް ރަގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި އަނިޔާވެރިކަމާއި ތަފާތުކުރުމާއި މީހުންނަށް ހުރަސްއެޅުން މާޒީވެ ގޮސްފައިވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ މަޖިލީހަށް ގާބިލު ބޭފުޅުން އިންތިހާބުކޮށްފިނަމަ ރައްޔިތުންނަށް އުފާވެރިކަން ލިބިގެންދާ ތަނަކަށް މަޖިލިސް ވެގެންދާނެ ކަމަށާއި ގާސިމް އިބްރާހީމް ފަދަ ނަޒާހަތްތެރި ތެދުވެރި ބޭފުޅުން މަޖިލީހަށް ހޮވަންޖެހޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ހުރިހާ ލީޑަރުން ގުޅިގެން ގައުމާއި އާއިލާތައް ގުޅިގެން އުޅުމަށް ކުރަންޖެހޭ މަސައްކަތްތައް މިއަދު ކުރަންޖެހިފައިވާކަމަށާއި ކޮންމެ ރައްޔިތަކީވެސް ވަރަށް ސީރިއަސް މަސައްކަތެއް މިއަދު ކުރަންޖެހިފައިވާ މީހެއްކަމަށެވެ.
އަދި 19 ވަނަ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައި އޮތްއިރު ރައްޔިތުން މިއަދު ވިސްނަންޖެހޭ ކަމަށާއި 18 ވަނަ މަޖިލީހުގައި ހިނގަމުންދިޔަ ކަންތައްތަކަކީ ރައްޔިތުންގެ ހަނދާނުގައި ހުންނާނެ ކަންތައްތަކެއް ކަމަށް ވިދާޅުވިއެވެ.
މަޖިލީހެއް އެކުލަވާލަންޖެހެނީ މުޅި ގައުމަށް ހިދުމަތް ކުރަން ކަމަށާއި ވަފާތެރި، ނަޒާހަތްތެރި އަދި ތެދުވެރި، އަމާނާތްތެރި، ހިތްހެޔޮ، އަޚުލާގު ރަގަޅު ބަޔަކު މަޖިލީހަށް އަންނަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ގައުމެއްގެ ރައްޔިތުންގެ މަޖިލީހަކީ އެންމެ ކަރާމާތްތެރި ތަން ކަމަށާއި އެގޮތުގައި މަޖިލިސް އޮންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މިއަދު ވިސްނައި ނުލައި ކުރެވޭ ކަމަކުން މާދަމާ ހިތާމަކުރަން ނުޖެހޭ ގޮތަށް ނިންމުންތައް ނިންމަންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.