ފުވައްމުލަކުގައި ހިންގި މާރާމާރީއާ ގުޅިގެން ދެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މިއަދު ހެނދުނު 5:50 ހާއިރު ފުވައްމުލަކު މާދަނޑު ގެސްޓް ހައުސްއެއްގެ ކުރިމަތިން 17 އަހަރުގެ ފިރިހެން ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދެ ފިރިހެނުންނެވެ.
ފުލުހުން ބުނީ އެ މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 22 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީއާ ގުޅިގެން އެ ކުއްޖާގެ އަތަށާއި ބޮލަށް ވަނީ ޒަހަމުވެފައެވެ. އެކުއްޖާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު، އެކުއްޖާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.