ޚަބަރު

ހެލްމެޓް އެޅުން ލާޒިމު ނޫން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން ދުއްވާނަމަ، ހުއްޓުވާނެކަމުގެ އިންޒާރު!

1

ހެލްމެޓް އެޅުން ލާޒިމު ނޫން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން ދުއްވާނަމަ، ހުއްޓުވާނެކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.

މާރާމާރީގެ މައްސަލަތައް ގިނަވެފައިވަނިކޮށް، ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ހެލްމެޓް އެޅުން ގާނޫނުތަކުން ލާޒިމުކޮށްފައިނުވާ ސަރަހައްދުތަކުގައި، ކާކުކަން ވަންހަނާކޮށް ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން ބައެއް މީހުން އުޅޭކަމާއި، ހިދުމަތް ދޭ ތަންތަނަށާއި ވިޔަފާރިކުރާ ތަންތަނަށް ވަދެ ހަދާކަން އަނެއްކާވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

ގަވާއިދުގައި A1 އަދި A0 ގިންތީގެ އުޅަނދު ދުއްވާ އިރު، އުޅަނދު ދުއްވަން އިންނަ މީހާއާއި އުޅަނދުގެ ފަހަތުގައި އިންނަ މީހާ ހެލްމެޓް އެޅުން ލާޒިމުކޮށްފައިވަނީ 30 ކިލޯމީޓަރަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ކަމަށް ފުލުހުން ބުންޏެވެ.

"އެހެންކަމުން، ހެލްމެޓް އެޅުން ލާޒިމުކުރާ ސަރަހައްދުތައް ފިޔަވައި އެހެނިހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފާރަވެރިވެ، ތުހުމަތުކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސްކުރަމުން ގެންދާނެ ވާހަކަ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ..،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އެ ފިޔަވަޅުތަކަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އަމާން ވެއްޓެއް ގާއިމުކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށެވެ.

މިމަހުގެ ތެރޭގައި ވެސް ވަނީ ގިނަ އަދަދެއްގެ މާރީމާރީތައް ހިންގައިފައެވެ. އެގޮތުން މިމަހުގެ ކުރީކޮޅުގައި ކެފޭއެއްގެ ތެރޭގައި ދެ ބިދޭސީއެއްގެ މެދުގައި މާރާމާރީ ހިންގާފައިވާ އިރު، އައިޖީއެމްއެޗް ކައިރިން މީހަކަށް ވަނީ ކޯރާޑިއަކުން ހަމަލާދީފައެވެ. އަދި ރޭގެ ވަގުތެއްގައި މާލޭގައި މާރާމާރީ ހިންގަން އުޅުނު ދެ މީހަކާއި 18 އަހަރުންދަށުގެ ކުއްޖަކު ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟