ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ

ގާސިމަކީ ދާއިރާއަށް ލިބުނު ޖަވާހިރެއް، ނިއުމަތުން މަހުރޫމު ނުވެ ވޯޓު ދެއްވާ: ނަހުލާ

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަކީ މާމިގިލީ ދާއިރާގެ ރައްޔިތުންނަށް ލިބުނު ޖަވާހިރެއް ކަމަށާއި ނިއުމަތުން މަހުރޫމުނުވެ، ރައްޔިތުން ގާސިމަށް ވޯޓް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަދި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އެދިވަޑައިގެންފިއެވެ.

އެކަމަނާ މިކަމަށް އެދިވަޑައިގެންނެވީ ގާސިމްގެ ކެމްޕެއިން ރަސްމީކޮށް ލޯންޗްކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށާއި އަދި ހާއްސަކޮށް މާމިގިލީ ދާއިރާގެ ރައްޔިތުންނަށް ގާސިމަށްވުރެ ވަކިން ހެޔޮ އެދޭނެ އެހެން ބޭފުޅަކު ނުހުންނާނެ ކަމަށެވެ.

އަދި ގާސިމަށްވުރެ ރައްޔިތުންނަށާއި ގައުމަށް ހެޔޮ އެދޭނެ އެއްވެސް ކެންޑިޑޭޓެއް މަޖިލީހަށް މިފަހަރު ވާދަކުރައްވާފައި ނުވާކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާ ވަނީ ކުލަކުލައަށް ބެލުމެއް ނެތި ޖަހާ ބެރަށް ބެލުމެއްނެތި އަދި ކުލަ ބަދަލުކުރަން ޖެހޭނެ ކަމަށް ނުވިސްނައި ގާސިމަށް ވޯޓް ދިނުމަށް ގޮވާލައްވައިފައެވެ.

އަދި ކަމެއް ބަދަލުކޮށް ކަމެއް ރަނގަޅުކުރަން ޖެހޭނީ އެއަށްވުރެ ފަރި ރީތި އެއަށްވުރެ މޮޅު އެހެން ގޮތެއް އޮވެގެން ކަމަށާއި، އަދި ތިބި ގޮތަކީ އެއީ އެންމެ މޮޅުގޮތްކަމުގައިވާ ނަމަ އެމަގު ހިޔާރުކުރެއްވުމަށް ވެސް މިނިސްޓަރު ނަހުލާ އެދިވަޑައިގެންނެވިއެވެ.

ރޭގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ. އަދި ރޭ ކެމްޕެއިން ޖަގަހަ ހުޅުއްވައިދެއްވީ ވެސް އެކަމަނާއެވެ.

ނައިބު ރައީސް ފައިސަލް ނަސީމާއި އަދި ކުރީގެ ދެ ނައިބު ރައީސުން ކަމަށްވާ ޑރ. މުހައްމަދު ޖަމީލާއި އަބްދުﷲ ޖިހާދުގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުންނާއި މަޖިލީހުގެ މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި ދާއިރާގެ ގިނަ އަދަދެއްގެ މެންބަރުންވެސް ބައިވެރިވިއެވެ.

ގާސިމްގެ ކެމްޕެއިން ލަވައެއްގެ ގޮތުގައި ބޭނުން ކުރަނީ ''ދިވެހި ބިން މީ އުފަން މަގޭބިން''، އެ ލަވައެވެ.