ޚަބަރު

ރާއްޖެއަށް ލިބުނު 1000 ހައްޖު ކޯޓާ 2500 އަށް އިތުރުކުރަން މަސައްކަތްކުރަނީ

ރާއްޖެއަށް ލިބުނު ހައްޖު ކޯޓާ 1،000 އިން 2،500 އަށް އިރުތުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު މިހެން ވިދާޅުވީ އިއްޔެ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުންނެވެ.

ޑރ. ޒާހިރު ވިދާޅުވީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ރާއްޖެއަށް 1،000 ކޯޓާ ސައުދީ ސަރުކާރުން ދީފައިވާކަށެވެ. ހަމަ އެއާއެކު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ހައްޖަށް މީހުން ގެންދިއުމަށް ގުރޫޕުތައް ނެގުމަށް ކަމަށެވެ. އަދި މިކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމުގެ ސުންގަޑިއަކީ މި މަހުގެ 14ވަނަ ދުވަހެވެ. ރޯދަމަސް ފެށެން ވާއިރަށް ގުރޫޕުތައް އިއުލާންކުރެވޭތޯ މަސައްކަތްކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޯޓާ އިތުރުކުރުމަށް ސައޫދީ ސަރުކާރާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ސައުދީއަށް ވަޑައިގެން އެކަމާ މަޝްވަރާ ކުރެއްވުމަށް ވިސްނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިތުރު ކޯޓާ ލިބޭނެކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމަށެވެ. 2019 ވަނަ އަހަރުވެސް އިތުރަށް 1،000 ލިބިފައިވާ ކަމަށާއި އެ 2،000 އެއްކޮށް އެފަހަރުވެސް ހައްޖަށް މީހުން ފޮނުވާފައިވާނެ ކަމަށެވެ. އޭގެ އިތުރުން ވިދާޅުވީ މިދިޔަ އަހަރަކީ އެންމެ މަދު ކޯޓާ ލިބުނު އަހަރުކަމަށެވެ.