މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ގައިދީން ޖަލުތަކުގައި މުއްދަތު ގުނަން ތިބި ދުވަސް މާޒީވެއްޖެ: މުނާޒު

ޝަހީދާ އަބްދުﷲ ސައީދު

ތަފާތު ކުށްތަކުގައި ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީން، އެމީހުންގެ ބަންދުގެ މުއްދަތު ގުނަން ތިބި ދުވަސް މާޒީވެ ހިނގައްޖެ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވިދާޅުވެއްޖެއެވެ.

އުރީދޫ ސްމާޓް ކެމްޕަސް ޑިޖިޓަލް ކުލާސްރޫމު މާފުށީ ޖަލުގައި ލޯންޗުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުނާޒު ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުން، ކަރެކްޝަނާއި ހަވާލުކުރި އިރު އެމީހާގެ އަހުލާގާއި އުޅުން ހުރި މިންވަަރަށްވުރެ އިތުރަށް ގޯސްވެ އޭނާ މުޖުތަމައަށް ނުކުންނައިރު އިތުރު ކުށްތަކަށް އަރައިގަތުމަށް މަގުފަހިކޮށްދޭ ޓްރޭނިން ކޭމްޕަކަށް ޖަލުތައް ވެފައި އޮތް އޮތުން ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.

އަދި ޖަލުތަކުގެ ނުރަނގަޅު މާހައުލު ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހު ވައުދުވެވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.

މުނާޒު ވިދާޅުވީ ޖަލުތަކުގެ ހާލަތު ބަދަލުކޮށް ކަންކަން ރަނގަޅު ކުރުމަށް ރައީސް ސޯލިހު އިސްނެންގެވުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އަދި ޅައުމުރުގައި އެކިއެކި ކުށްތަކަށް އަރައިގަނެފައިވާ ޒުވާނުން މުޖުތަމައަށް އަނބުރާ އަންނަ އިރު އެޒުވާނުންނަކީ މުޖުތަމައު ގަބޫލުކުރާ ފަދަ އުޅުމާއި އަޚުލާގެއް ހުރި ބަޔަކަށް ހެދުމަށް ކަރެކްޝަނުން ކުރަމުންދާ މަސައްކަތަށް ނައިބު ރައީސް ފައިސަލް ނަސީމްގެ އެހީތެރިކަން ލިބިގެންދާކަން ވެސް މުނާޒު ފާހަގަކުރެއްވިއެވެ.

މުނާޒު ވިދާޅުވީ ފާއިތުވެ ދިޔަ އަހަރުތަކުގައި ކަރެކްޝަނަލް ސާވިސްއާ އަޅައިނުލައި ވަރަށް ބޮޑަށް ސަރުކާރުން އިހުމާލުވެފައިވާ ކަމަށާއި އޭގެ ސަބަބުން މުއައްސަސާގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

މިނިވަންކަން ގެއްލޭ ގޮތަށް ބަންދުކޮށްގެން ގެންގުޅެންޖެހޭ މީހުންގެ އާބާދީ އިތުރުވެފައިވާ އިރު ކަރެކްޝަނުގެ އޮފިސަރުންގެ އަދަދު މަދުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.