ޚަބަރު

ގެއްލުނު މީހުންގެ މައްސަލައިގައި ފުލުހުން 241 ކޮމިޓީއަށް

އިބްރާހިމް ޒަކީ

ވީނުވީއެއް ނޭނގި ގެއްލުނު މީހުންގެ މައްސަލައުގައި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފުލުހުން ހާޒިރުކުރަން ނިންމައިފިއެވެ.

މިމަހުގެ އެއްވަނަ ދުވަހުންފެށިގެން އއ. މަތިވެރިން ގެއްލިގެން ހޯދަމުން އަންނަ އެ ރަށު، ރިހިވެލި/ ހަސަން އަލީ (ހަސަންފުޅުބެ) އާއި، މިމަހު ހަތްވަނަ ދުވަހު މާލެއިން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވާ، ސ. މަރަދޫފޭދޫ / ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް (31އ) ގެ މައްސަލަ ބެލުމަށް ދެ މެންބަރަކު މަޖިލީހުގެ 241 ކޮމިޓީއަށް ވަނީ ހުށަހަޅައިފައެވެ.

އެއީ އެ ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި، އެ ކޮމެޓީގެ މެންބަރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެވެ.

ޓޫފޯވަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަސްލަމް ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނިކޮށް، މިމަހުގެ ހަތަރުވަނަ ދުވަހު އާސިރު ފެނިފައިވީ ނަމަވެސް އޭނާ ގެއްލުނު ދުވަސްތަކުގައި ކަން ހިނގާފައިވާ ގޮތުގެ ތަހުގީގެއް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

އެހެންކަމުން އެކަންކަމުގެ މައުލޫމާތު ހޯދުމަށް ފުލުހުންގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަން، ކޮމިޓީގެ މެންބަރުން ފާސްކުރި ގޮތަށް ފުލުހުންނާ ވާހަކަ ދައްކައިގެން އެ ބޭފުޅުންނަށް ކޮމިޓީއަށް ވަޑައިގަނެވޭނެ ދުވަހެއް ކަނޑައަޅައި އެކަން ހަމަޖައްސަވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ 7:30 ހާއިރުން ފެށިގެން އާސިރު ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުގެ ހަވީރު 4:30 ގައެވެ.

ގެއްލިގެން ހޯދަމުންދާތާ 12 ދުވަސްފަހުން އޭނާ ފެނިފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ޓާމިނަލްގެ ގޮނޑިއެއްގައި އިންދައެވެ. އެކަމާބެހޭ އިތުރު ތަފްސީލެއް ފުލުހުން އަދިވެސް ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.