ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، "ނޭޝަނަލް ޖޮބް ސެންޓަރު" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަވައިފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ "ނޭޝަނަލް ޖޮބް ސެންޓަރު" ހިންގުމަށް ހަމަޖެހިފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ އިދާރާއެއްގެ ގޮތުގައި ކަމަށެވެ.
ނޭޝަނަލް ޖޮބް ސެންޓަރު އުފެއްދީ ރާއްޖޭގައި ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތައް ގުޅުވައިދިނުމަށާއި މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް ކުރެވެން ހުރި މަސައްކަތްތަކާއި އަދާކުރެވިދާނެ ވަޒީފާތައް ހިޔާރުކުރުމަށް ލަފަޔާއި އިރުޝާދު ދިނުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ވަޒީފާގެ ބާޒާރާ ގުޅުންހުރި ދިރާސާކޮށް އެ ދިރާސާތަކުން ހޯދާ މައުލޫމާތު، ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމަށާއި ވަޒީފާއާ ގުޅުންހުރި ސިޔާސަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކުރުމަކީވެސް ނޭޝަނަލް ޖޮބް ސެންޓަރު އުފެއްދުމުގެ ބޭނުމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ނޭޝަނަލް ޖޮބް ސެންޓަރުގެ ނަމުގައި އާ އިދާރާއެއް އުފެއްދި އިރު، އިކޮނޮމިކް މިނިސްޓްރީގެ ދަށުން މިހާރުވެސް ގެންދަނީ ޖޮބް ސެންޓަރެއް ހިންގަމުންނެވެ.