ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ސަރުކާރުން ބޭނުންވަނީ ގައިދީންނަށް ހުނަރުތަކެއް ދީގެން މުޖުތަމައަށް ނެރެން: ފައިސަލް

ޝަހީދާ އަބްދުﷲ ސައީދު

ސަރުކާރުން ބޭނުންވަނީ ޖަލުގައި ތިބި ގައިދީންނަކީ ހުނަރުތަކެއް ލިބިގެން އަނބުރާ މުޖުތަމައަށް ނުކުންނަ ބަޔަކަށް ހެދުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

އުރީދޫ ސްމާޓް ކެމްޕަސް ޑިޖިޓަލް ކުލާސްރޫމު މާފުށީ ޖަލުގައި ލޯންޗުކޮށްދެއްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވީ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ތައުލީމަށް ކަމަށާއި އެކަން މިއަދު މާފުށީ ޖަލުގައި ހުޅުވިގެން ދިޔަ ''އުރީދޫ ސްމާޓް ކެމްޕަސް ޑިޖިޓަލް ކުލާސްރޫމު'' ހުޅުވުމުން ވެސް ހާމަވެއްޖެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރައްޔިތަކީވެސް މުޖުތަމައަށް ފައިދާ ކުރަނިވި މީހަކަށް ހެދުމާއި އާއިލާއާއެކު ހަމަޖެހިގެން އުޅެވޭ ތަނަވަސްކަން ހުރި މީހަކަށް ހެދުމަކީވެސް ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.

އަދި މުޖުތަމައުގެ އެއްވެސް މީހަކު ބާކީވެގެން ނުވާނެ ކަމަށާއި މިއަދުގެ ސަިޔާސަތަކީ އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.

އަދި ގައުމުގެ ތަރައްގީގައި ހުރިހާ ރައްޔިތުން ބައިވެރިވުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ވެސް އޮންނަންޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި މިއަދު ޖަލުގައި ހުކުމްތަންފީޒު ކުރަމުންދާ ގައިދީންނަކީ ހުނަރުތަކެއް ދަސްވެ، ފިލާވަޅުތަކެއް ލިބިގެން މުޖުތަމައަށް ނުކުމެ އާއިލާތަކާއެކު ދިރިއުޅުމުގެ ފުރުސަތު ލިބިގެން ދިއުން ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.