ޚަބަރު

ސިޓީކައުންސިލް މެންބަރުންގެ މުސާާރަ ބޮޑު ކުރުމުގެ މައްސަލަ އެޖެންޑާކޮށް ހޯމަ ދުވަހު މަޖިލިސް ޖަލްސާއެއް ބާއްވަނީ

އިބްރާހިމް ޒަކީ

ސިޓީ ކައުންސިލްތަކަށް ރައީސުލް ޖުމްހޫރިއްޔާ އިތުރު ބާރުތައް ދެއްވުމާގުޅިގެން، ކައުންސިލް މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮޮޓީން ނިންމާފައިވާ ނިންމުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ގޮތެއްނިންމަން، އަންނަ ބުދަދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ، އަންނަ ބުދަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ހަމަޖެހިފައިވާ ކަމަށާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 56 ވަނަ މާއްދާގެ (ށ) އިން ރައީސުލްޖުމްހުރިއްޔާއަށް ލިބިފައިވާ އިހްތިޔާރުގެ ދަށުން ސިޓީ ކައުންސިލްގެ ބާރުތައް އަލުން ކަނޑައެޅުއްވުމާއި ގުޅިގެން ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް މުރާޖައާ ކުރައްވައި އެ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓު އެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.

ކައުންސިލަރުންގެ މުސާރަތައް މުރާޖައާކޮށް، ސިޓީ ކައުންސިލްތަކުގެ މުސާރައާއި އިނާޔަތް ބޮޑު ކުރުމަށް މާލިއްޔަތު ކޮމިޓީން ވަނީ ނިންމައިފައެވެ.

އެގޮތުން ސިޓީ ކައުންސިލްތަކުގެ މޭޔަރުންގެ މުސާރަ 30،000 ރުފިޔާއަށް އަދި ލިވިންގް އެލަވަންސް 10،000 ރުފިޔާއަށް ބޮޑު ކުރުމަށް ވަނީ ނިންމައިފައެވެ.

އަދި ޑެޕިއުޓީ މޭޔަރުގެ މުސާރަ 27،000 ރުފިޔާއަށް އަދި ލިވިންގް އެލަވަންސް 8000 ރުފިޔާއަށް ބޮޑު ކުރުމަށް ނިންމާފައިވެއެވެ. މީގެ އިތުރުން ސިޓީ ކައުންސިލް މެންބަރުންގެ މުސާރަ 24،000 ރުފިޔާއަށް އަދި ލިވިންގް އެލަވަން 6000 ރުފިޔާއަށް ބޮޑު ކުރުމަށް ކޮމިޓީން ވަނީ ނިންމައިފައެވެ.

މިހާރު ސިޓީ ކައުންސިލްތަކުގެ މޭޔަރަށް މުސާރައިގެ ގޮތުގައި ލިބެނީ 15،000 އަދި ލިވިންގް އެލަވަންސަށް 3،000 ރުފިޔާ އެވެ. އަދި ސިޓީ ކައުންސިލްތަކުގެ ޑެޕިއުޓި މޭޔަރަށް މުސާރައަށް 12،000 އަދި ލިވިންގް އެލަވަންސްގެ ގޮތުގައި 2،000 ރުފިޔާ ލިބެއެވެ. މީގެ އިތުރުން ސިޓީ ކައުންސިލްތަކުގެ މެންބަރުންނަށް މުސާރައިގެ ގޮތުގައި 10،000 އަދި ލިވިންގް އެލަވަންސްގެ ގޮތުގައި 1،500 ރުފިޔާ ލިބެއެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ސިޓީ ކައުންސިލްގެ މެންބަރުންގެ މުސާރައަށް ވަނީ ބަދަލު ގެނެސްފައެވެ. އޭރު ސިޓީ ކައުންސިލްގެ މެމްބަރުންނަށް ދެމުން އައި މުސާރަ ވަނީ %50 ކުޑަ ކޮށްފައެވެ.