ޚަބަރު

މާރާމާރީގައި ޒަހަމްވި މީހާ މަރުވެއްޖެ

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގެ ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މީހާ މަރުވެއްޖެއެވެ.

އައްޑޫއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އެ ޒުވާނާ މަރުވެފައިވާކަން އައިޖީއެމްއެޗްގެ މީޑިއާއިން ވަނީ މިއަދު "ވަން" އަށް ކަށަވަރުކޮށްދީފައެވެ.

އައިޖީއެމްއެޗުގެ މީޑިއާއިން ބުނީ، އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ މީހާ މިއަދު ހެނދުނު 6:45ގައި މަރުވެފައިވާ ކަމަށެވެ. އޭނާއަށް ފަރުވާ ދެމުންދިޔައީ އައިސީޔޫގެ ވެންޓިލޭޓަރުގައެވެ.

ހެލްމެޓް އަޅައިގެން ސައިކަލުގައި އައި ދެ މީހަކު އޭނާއަށް ހަމަލާ ދިނީ ބީޖީ ގަރާޖު ކައިރީގައި ހުންނަ ކޮސްމެޓިކް ސާމާނު ވިއްކާ، ކްރާސާ ފިހާރަ ތެރެއަށް ވަދެ ހުއްޓައެވެ. މާރާމާރީގައި މަރުވި މީހާގެ ހަށިގަނޑު އެތައް ތަނަކަށް ވަޅިން ހަމަލާދީފައި ހުއްޓެވެ.

މި މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 20 އަހަރުގެ ދިވެހި ޒުވާނަކު ހައްޔަރުކޮށް 15 ދުވަހަށް ވަނީ ބަންދުކޮށްފައެވެ.