ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އައްޔަންކޮށްފިއެވެ.
ގާސިމް ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އައްޔަން ކުރުމުގެ އިތުރުން ގާސިމްގެ އެޑްވައިޒަރުގެ މަގާމަށްވެސް ވަނީ ފަސް ބޭފުޅަކު ހަމަޖައްސައިފައެވެ. ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޖޭޕީގެ ހަތަރުވަނަ ކޮންފަރެންސް ނިންމުމުގެ ހަފުލާގައި އެ ހަ ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ގާސިމްއެވެ.
ޖޭޕީގެ ކޮންފަރެންސްގައި ވަނީ އެ ޕާޓީގެ އެހެން މަގާމުތަކަށް ވެސް ބޭފުޅުން އިންތިހާބުކޮށްފައެވެ. އެގޮތުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ އައްޔަންކޮށްފައެވެ.
އެ ކޮންފަރެންސްގައި ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ކެންޑިޑޭޓަކު ނެރެންވެސް ފާސްކޮށްފައެވެ.