އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި، ރީހެބިލިޓޭޝަނާއި، ސިއްހީ ދާއިރާ އާއި މަތީ ތަޢުލީމުގެ ދާއިރާއާ ބެހޭގޮތުން ރާއްޖެ އާއި ސިންގަޕޫރުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ، ސިންގަޕޫރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ޗުއާ ތިއާން ޕޯ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އަރިހަށް މިއަދު ކުރެއްވި އިޚްތިރާމްގެ ޒިޔާރަތުގައެވެ.
މިކަން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުންވެސް ޝައުޤުވެރިވާ ކަންކަމާބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސިންގަޕޫރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ، ރާއްޖެއާއި ސިންގަޕޫރާ ދެމެދުގައިވާ ގުޅުމުގެ މައްޗަށްއަލި އަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.
މިބައްދަލުކޮށްލެއްވުމުގައި، ސިންގަޕޫރުގެ ސަފީރު ވަނީ ރާއްޖޭގެ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.