އިބްރާހިމް ޒަކީ
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް އެ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއެކު ފަސް ބޭފުޅަކު އިންތިހާބުކޮށްފިއެވެ.
ވާދަވެރިކަމާއެކު ކުރިއަށްދިޔަ ޖޭޕީގެ ގައުމީ ކޮންގްރެސްގައި ޑެޕިއުޓީ ލީޑަރުކަމުގެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލެއްވިއެވެ.
އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ޖޭޕީއަށް ނިސްބަތްވާ ބައެއް މިނިސްޓަރުންނާއި ސްޓޭޑް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ ބޭފުޅުންނާއި ކުރީގެ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
ނަމަވެސް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޖޭޕީގެ ޑެޕިއުޓީ ލީޑަރު ކަމަށް އިންތިހާބުކުރީ މިނިސްޓަރު ނަހުލާ އެކަންޏެވެ. އެ މަގާމަށް ނަހުލާ އިންތިހާބުވީ އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ކެންޑިޑޭޓުގެ ގޮތުގައެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރުމަށް ގޮވާލައި އެ ޕާޓީގެ ގައުމީ ކޮންފަރެންސަށް ހުށަހެޅި ގަރާރުވެސް ރޭ ވަނީ ފާސްކޮށްފައެވެ. އެ ގަރާރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހުމަދެވެ.
ޖޭޕީގެ ގައުމީ ޖަލްސާއިން ފާސްކުރި އެ ގަރާރުގައި ވަނީ އެ ޕާޓީން އިންތިހާބުގައި ވާދަކުރުމަށް، ކައުންސިލަށް ލަފާ ދިނުމަށެވެ. އެހެންކަމުން ރިޔާސީ އިންތިހާބާ މެދު ޖޭޕީން އަމަލު ކުރާނެ ގޮތެއް ނިންމާނީ ގައުމީ ޖަލްސާގައި އިންތިހާބުކުރި އާ ކައުންސިލުންނެވެ.