ޚަބަރު

ބީއެޗްއެމްގެ ފައިސާތައް ފޭރިގަތް މައްސަލައިގައި ތިން ކުޑަކުދިންނާއެކު ހަމީހުން ހައްޔަރުކޮށްފި

އިބްރާހިމް ޒަކީ

ވަޅިން ހަމަލާދީ، ބީއެޗްއެމްގެ ފައިސާތައް ފޭރިގަތް މައްސަލައިގައި ތިން ކުޑަކުދިންނާއެކު ހަމީހުން ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިމަހުގެ ދިހަވަނަ ދުވަހު ހިނގި މިހާދިސާއާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ،، 23 އަހަރުގެ ދެ ފިރިހެނުންނާއި 21 އަހަރުގެ ފިރިހެނަކާއި 18 އަހަރު ނުފުރޭ ތިން ކުދިން ކަމަށެވެ.

މިމަހު ދިހަވަނަ ދުވަހު ހެލްމެޓް އަޅައިގެން ސައިކަލުުގައިދިޔަ ބަޔަކު ވަނީ ވަޅިން ހަމަލާދީ، ބޭންކަށް ޖަމާލުރަން ގެންދިޔަ ބީއެޗްއެމްގެ ފައިސާތަކެއް ފޭރިގަނެފައެވެ.

އެދުވަހު ފުލުހުން ބުނީ ދަބަހެއްގައި އެސްބީއައި އަށް ގެންދިޔަ އެ ފައިސާތައް ފޭރިގެންފައިވަނީ ސައިކަލުގައި ހެލްމެޓް އަޅައިގެން އައި ހަތަރު މީހަކު އެ ފައިސާދަބަސް ހިފައިގެން ދިޔަ މީހާއަށް ވަޅިން ހަމަލާ ދިނުމަށްފައުގައި ކަމަށެވެ.

އެކަމުގެ ސަބަބުން ފައިސާދަބަސް ހިފައިގެން ހުރިމީހާގެ އަތްވެސް ވަނީ ޒަހަމްވެފައެވެ.

ނަމަވެސް އެދުވަހު ފޭރިގަތް ފައިސާތަކުގެ އަދަދެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.