ހެލްމެޓު އަޅައިގެން ތިބި ބަޔަކު، ކޯރާޑިން ވެހިކަލަށް ހަމަލާދީ ބިރުދެއްކުމަށް ފަހު، މިފްކޯގެ ދެމިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި ދެމީހަކު ހައްޔަރު ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.
ފުލުހުން ބުނީ އެ މައަސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ، 19 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އޭގެ ތެރެއިން 19 އަަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި، އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި 23 އަހަރުގެ މީހާ ހައްޔަރު ކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.
މިދިޔަ ބުދަ ދުވަހު ހެލްމެޓު އަޅައިގެން ތިބި ބަޔަކު، ކޯރާޑިން ވެހިކަލަށް ހަމަލާދީ ބިރުދެއްކުމަށް ފަހު، މިފްކޯގެ ދެމިލިއަން ރުފިޔާ ވަނީ ފޭރިގަނެފައެވެ.
މި ފައިސާ ފޭރިގެންފައި ވަނީ ވިލާ ކޮލެޖު ކައިރީ ސަރަހައްދުން ކަމަށާއި ވޭނުގައި ގެންދިޔަ ފައިސާއަކީ މިފްކޯއިން ފެލިވަރަށް ފޮނުވަން ގެންދިޔަ ފައިސާ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ އެދުވަހު ވަނީ "ވަން އޮންލައިން"އަށް ވިދާޅުވެ ދެއްވައިފަ އެވެ.
އޭނާ ވިދާޅުވީ ފޭރިގަތީ ދެ ސައިކަލެއްގައި މޫނު ނިވައިވާ ގޮތަށް ހެލްމެޓު އަޅައިގެން ތިބި ހަތަރު މީހަކު ވެގެން ކަމަށާއި އޭރު ވެހިކަލުގައި ތިބީ ބިދޭސީ އަކާއި ދެ ދިވެހީން ކަމަށެވެ.