ޚަބަރު

އަނބިމީހާގެ މަރުގެ މައްސަލައިގައި ކުށް ސާބިތު ނުވާކަމަށް ޝާހުގެ މައްޗަށް ކުރި ހުކުމް ޕީޖީން އިސްތިއުނާފް ކުރަނީ

ލިބިފައިވާ ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި، ގދ. ތިނަދޫ ތޭންކު ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ، އެރަށު ޖަވާހިރުމާގޭ ދެކުނުބައި އިބްރާހީމް ޝާހުގެ މައްޗަށް އުފުލި އެއްވެސް ދައުވާއެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

ތިން އަހަރުފަހުން މި މައްސަލައިގައި ޝާޙުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ ބުރާށްފަތި ދުވަހުގައެވެ.

އަނބިމީގާ މަރުވި މައްދަލައިގައި ދައުލަތުން ޝާހުގެ މައްޗަށް ހަތަރު ދައުވާއެއް ކުރިއެވެ. އެއީ އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން މީހަކު މަރުވެދިޔުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކުގެ މަރުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާއެވެ.

ޝާހުގެ މައްޗަށް ކްރިމިނަލް ކޯޓުން އެ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އޭނާ ބަންދުގައި ބަހައްޓައިގެންނެވެ.

މި ދައުވާތަކުގެ ޝަރީއަތްތައް ފަށާފައި ވަނީ 2016 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ.

ނަމަވެސް ބަދު އަހުލާޤީ މައްސަލަތަކުގެ ޝަރީއަތް ސިއްރު ކުރުމަށް ކޯޓަށް ލިބިފައިވާ ބާރުގެ ދަށުން އެ ހުރިހާ ޝަރިއަތެއް ކުރިއަށް ގެންދިޔައީ ސިއްރު ކޮށްގެންނެވެ.

އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ހޯދަމުން ދަނިކޮށް ހާލަތު ގޯސްވެގެން ޒިޔާދާ ނިޔާވީ 2015ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.