ރިޔާސީ ކޮމިޝަންތައް އުފައްދަންޖެހުނީ މަޖުބޫރުވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ށ.މިލަންދޫގައި މިއަދު ހެނދުނު ކުރިއަށް ދިޔަ އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ވެރިކަމާއި ހަވާލުވިއިރު ކޮރަޕްޝަނާއި ވައްކަން އޮތީ އިންތިހާއަށް އިތުރުވެފައިކަމަށެވެ. އަދި އެމްޑީޕީއިން ވެރިކަމާއި ހަވަލުވީ ދައުލަތުގެ ހަޒާނާއިން ގެއްލިފައިވާ ފައިސާ އަލުން ހޯދައިދިނުމުގެ މަސައްކަތް ފެށުމުގެ އިތުރުން ގޮތްނޭނގޭ ގޮތަށް މަރާލާފައިވާ އަދި ގެއްލުވާފާލައިވާ މީހުންނަށް ވެގެންދިޔަގޮތް ހޯދައި އޭގެ ހަގީގަތް ހާމަކުރުމަށް ވައުދު ވެގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި އޭސީސީގެ އިތުރުން މިކަންކަން ބެލޭނެ އެކި މުވައްސަސާތައް ހުރިކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
ނަމަވެސް މި މުއައްސަސާތަކަކީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ތަންތަންކަމަށް ވުމުން މި މުވައްސަސާތަކުން ކަމެއް ކުރެވޭތަން ނުފެންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިނިވަން މުއައްސަސާތަކުން ވަކި މީހަކަށް އަމާޒުކޮށްގެން، ނުވަތަ ވަކި ބައެއްގެ ކަންތައްތައް ނޫނީ ނުބަލާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރިޔާސީ ކޮމިޝަންތައް ހަދަން މަޖުބޫރުވީ މިސަބަބާ ގުޅިގެންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި ރައީސް ވަނީ ކޮމިޝަންތަކުގެ މަސައްކަތްތަކައް މަޖިލީހުގެ ސަބަބުން މަޑުޖެހުމެއް އައިސްފައިވާކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުން ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ގޮތުން ދޭންޖެހޭ ބާރުވެރިކަން ދޭން ބޭނުން ނުވި ނަމަވެސް ލިބިފައިވާ ހަނި ފުރުސަތުތަކުގެ ތެރެއިން އެކޮމިޝަންތަކުން މަސައްކަތް ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސް ވަނީ މި ކޮމިޝަންތަކަކީ އެކި މުއައްސަސާތައް ރަނގަޅަށް ހިނގާނަމަ އުފައްދައްޖެހޭ ކޮމިޝަންތަކެއް ނޫންކަމަށް ވިދާޅުވެފައެވެ.