ޚަބަރު

ހޫނުން ރައްކާތެރިވުމަށް، ސަމާލުކަންދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި

މިއީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށް ވާތީ، ހޫނުން ރައްކާތެރިވުމަށް ސަމާލު ވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އިލްތިމާސްކޮށްފިއެވެ.

އެ އެޖެންސީން ބުނެފައިވަނީ، އަވިގަދަވެ ހޫނު ގަދަވުމުގެ ސަބަބުން ދިމާވާ ބައެއް ސިއްހީ މައްސަލަ ތަކުގެ ތެރޭގައި ވަރުދެރަވުމާއި، އަކުނިވަޔަށްދެމުމާއި ބޮލުގައި ރިއްްސާ، ބޯ އެނބުރުމާއި ލޮލަށް ގެއްލުން ލިބުން ހިމެނޭކަމަށެވެ. އަދި ގައިގެ ހަމަށް އެކި މައްސަލަތައްް ދިމާވެ ފޮޅުނެގުންފަދަ ކަންތައްވެސް ހިމެނޭކަމަށެވެ.

އެޗްޕީއޭ އިން ބުނީ ހޫނު ގަދަވުމުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކާތެރިވަނީ، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނާއި ދާއިމީ ބައްޔަށް ފަރުވާކުރާ މީހުންނަށް ކަމަށެވެ. އަދި އެފަދަ ސިއްހީ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ވީ އެންމެ އަވަހަކަށް ސިއްހީ ފަރުވާ ހޯދުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިދުވަސްފަރު ސަމާލުކަން ދޭންވީ ކަންތައްތައްވެސް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.

އެފަރާތުން ބުނީ ކުޑަކުދިންގެ ތެރެއިން ހަމަސް ނުފުރޭ ކުއްޖެއްނަމަ ގާތުން ދިނުމަށް ސަމާލުވާންޖެހޭ ކަމަށާއި ހަމަހަސް ފުރިފައިވާ ކުއްޖެއްނަމަ ގިނައިން ދިޔާ އެއްޗެހި ދިނުން މުހިއްމުކަމަށެވެ. އަދި އެންމެ އަވިގަދަ ގަޑީގެ ގޮތުގައި ފާހަގަ ކުރެވިފައިވާ، ހެނދުނު 10:00 އިން މެންދުރުފަހު 15:00 އާ ދެމެދު ކުޑަކުދިން ބޭރަށް ނުނެރުމަށާއި، އެ ގަޑިތަކުގައި ކުދިން ބޭރަށް ނެރެފިނަމަ އިރުގެ ދޯދިން ސަލާމަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

އެޗްޕިއޭއިިން ބުނީ، ކަރުނުހިއްކި ނަމަވެސް ފެންމަދުވިޔަ ނުދިނުމަށް މިދުވަސްވަރު ގިނައިން ފެންބޯންޖެހޭނެ ކަމަށާއި، ހަށިގަނޑުން ފެން ބޭރުވިޔަ ނުދިނުމަށް ގިނައިން ހަކުރުހުރި ބުއިންތައް ބޭނުން ކުރުން މުހިއްމު ކަމަށެވެ.

އަދި އަވިން ސަލާމަތް ވުމަށް ކުޑަފަދަ ތަކެތި ބޭނުން ކުރުމަށާއި، އިރުގެ ދޯދިން ލިބޭ ގެއްލުމުން ލޯ ސަލާމަތް ކުރުމަށް ޔޫވީ ރޭޑިއޭޝަން ފިލްޓަރ ކޮށްދޭ އަވިއައިނު ބޭނުންކުރުމަށްވެސް އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފައެވެ. މީގެ އިތުރުން އެކި އެކި އިވެންޓްތައް ބާއްވާ ފަރާތްތަކުން މިދުވަސްކޮޅު ސަމާލް ވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.