އިބްރާހިމް ޒަކީ
މަސައްކަތް ކުރަމުން އަންނަނީ، ކޯލިޝަންގައި ބައިވެރިވާން ތިބި ހުރިހާ ޕާޓީތަކާއެކު، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެއްބުރުން ކާމިޔާބު ކުރުމަށް ކަމަށް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކު މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއެކު ކުރިއަށް ދިއުމާ ގުޅޭ ގޮތުން މިއަދު ބޭއްވި މަޝްވަރާ ކުރުންތަކަށްފަހު ސަން ސިޔާމް ބިލްޑިންގުގެ ބޭރުގައި ހުރެ "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ފައްޔާޒު ވިދާޅުވީ، އެމްޑީއޭއަކީ ރާއްޖޭގައި މިހާރު އޮތް ހަމަޖެހުމުގެ ތެރެއިން މި ގައުމުގެ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކޮށްދޭނެ ޕާޓީއެއް ކަމަށެވެ.
"ވޭތުވެދިޔަ 15 އަހަރާއި 18 އަހަރު ދުވަހުގެ ތެރޭގައި މި އަންނަމުންދިޔަ ބަދަލުތަކުގެ ތެރެއިން އަޅުގަނޑުމެންނަށް މިއަދު އާދެވިފައި މި ތިބީ މުޅި ދިވެހި ރާއްޖެވެސް ދެކެން ބޭނުންވާނެ މިސްރާބަކަށް، އެހެންވީމަ އެ ކޮންޓިނިއު ކުރުމަށްޓަކައި އަޅުގަނޑުމެންނާ ހަމަ، ބައިވެރިވާނެ ހުރިހާ ބޭފުޅުންނާ އެއްކޮށް ބައިވެރިވެގެން ގޮސް މިކަން ޔަގީން ކުރުމުގެ މުހިންމުކަން ވަރަށް ބޮޑު،"
ފައްޔާޒު ވިދާޅުވީ، އެމްޑީއޭއާއި އަދާލަތު ޕާޓީގެ ފިކުރާއެކު މަސައްކަތް ކުރުމުގެ ގާބިލުކަން ރައީސް ސޯލިހުގެ ސަރުކާރުގައި އެބަހުރި ކަމަށާއި އެ ގާބިލުކަން ސަރުކާރުން ދައްކާފައިވާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ދިއުމަކީ އިތުރު ތަކުލީފުތަކެއް ލިބި އެތައް ކަމެއް އޭގެ ތެރެއަށް އިތުރުވެގެންދާނެ ކަމެއް ކަމަށް ބުންޏެވެ.
"ދެވަނަ ބުރަކަށް ދިއުމަކީވެސް އިތުރު ތަކުލީފުތަކަކާ އޭގެ ތެރެއަށް އެތައް ކަމެއް އިތުރުވެގެންދާނެ ކަމެއް، މިދިޔަ ފަހަރުވެސް އަޅުގަނޑުމެން ކޯލިޝަނާ އެއްކޮށް ގޮސް، ފުރަތަމަ ބުރުން ނިމުނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއްކޮށް ދިޔައިމަ އެއްބުރުން ނިމޭނެ،"
ފައްޔާޒު ވިދާޅުވީ، ދިވެހި ރައްޔިތުންނަށްވެސް އަދި މި ގައުމުގެ މުސްތަގުބަލަށް ބަލާއިރުވެސް މި ގައުމުގެ ތަރައްގީގެ އެކި ކަންކަމަށް، އިންވެސްޓަރުންނާއި ބޭރުގެ ފަރާތްތަކާއި އިންޓަނޭޝަނަލް ޕާޓްނަރުންނަށް ޔަގީންކަމެއް ފެނިގެން ދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.