ޚަބަރު

އެއް ދުވަހުން 1.2 މިލިއަން ރުފިޔާގެ މަސް ކިރުވައި ޓީއެސްލައިނަށް ރެކޯޑެއް

އެއް ދުވަހެއްގައި އެންމެ ގިނަ މަސް ކިރުވި ދޯނީގެ ރެކޯޑް ގދ. މަޑަވެލީ ޓީއެސްލައިން ދޯނިން ގާއިމު ކޮށްފިއެވެ.

ޓީއެލްލައިން ދޯނިން އިއްޔެ ވަނީ މިފްކޯއަށް 73 ޓަނު މަސް ކިރުވައިފައެވެ. އެއީ ޖުމުލަަ 1.2 މިިލިއަން ރުފިޔާގެ މަހެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން 70 ޓަނަކީ އެއް ދުވަހުން ބޭނި މަހެވެ. އަދި ބާކީ ތިން ޓަނަކީ އެހެން ދުވަހެއްގައި ބޭނި މަހެވެ.

މީގެ ކުރިން އެންމެ ގިނަ މަސް ކިރުވުމުގެ ރެކޯޑް އޮތީ، ގދ. ފަރެސްމާތޮޑާގެ "ބާހިރާ" ދޯނީގެ އަތުގައެވެ. އެއީ އެއް ދުވަހެއްގެ ތެރޭގައި މިފްކޯއަށް 58.6 ޓަނުގެ މަސް ކިރުވައިގެންނެވެ. އެ ފަހަރު އެ ދޯނިން ކިރުވި މަހަށް ވަނީ 996،034 ރުފިޔާ ލިބިފައެވެ.

ޓީއެސްލައިން ދޯނިން ވަނީ 2021 ވަނަ އަހަރު ޖުމްލަ 1095.805 ޓަނުގެ މަސް މިފްކޯއަށް ކިރުވައި، އެ އަހަރުގެ ދޮށީ މަސްވެރިކަމުން އެންމެ ގިނަ މަސް ބޭނި ދޯނީގެ އެވޯޑްވެސް ހޯދައިފައެވެ.

ޓީއެސް ލައިން ދޯނި ބަނދެ، މަސްވެރިކަމަށް ނެރެފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެ ދޯންޏަކީ ޒަމާނީ ވަސީލަތްތަކާއެކު މަސްވެރިކަން ކުރާ އުޅަނދެކެވެ. އެ ދޯނިން 36 މީހަކު މަހަށް ދެއެވެ.