ޖަޒްލާ މުހައްމަދު މޫސާ
ރަމަޟާންމަހަށް ހާއްސަ ކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުުކޭޓެއް ހުޅުވަން މާލެ ސިޓީ ކައުންސިލްއިން އިއްޔެ ނިންމައިފިއެވެ.
އެ ކައުންސިލްގެ 90 ވަނަ ރަސްމީ އާއްމު ޖަލްސާގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހުޅުމާލެއަކީ މާލެ ސިޓީގެ ބައެއް ކަމަށެވެ. އެއީ މާލޭ ސިޓީގެ އިހުތިސާސްގައި ހިމެނޭ ތަނެއްކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނާ ހިންގަން ހަވާލު ނުކުރިޔަސް އެއީ ގާނޫނީ ބާރު ހިނގާތަނެއް" މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ އެ ފިޔަވަހީގައި މިހާރު ހާއްސަ އެހީއަށް ބޭނުންވާ ދިހަ ވަރަކަށް އާއިލާ އުޅޭނެކަމަށެވެ. އެހެންކަމުން އެމީހުންނަށް ދުރަށް ގޮސް މޭވާފަދަ ތަކެތި ހޯދަން ދަތިތަކާ ކުރިމަތިލާން ޖެހޭނެތީ، މާލެ ސިޓީ ކައުންސިލުން ހިންގާ ޕްރޮގްރާމްގެ ދަށުން މާލެ ސިޓީއަށް އާމްދަނީ ލިބޭނެެހެން މިކަން ކުރަން ނިންމީ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިކަން މިހެން ކުރަން ނިންމެވީ އެތަނަކީ ވަރަށް ގިނަ މީހުން އުޅޭ ތަނަކަށް ވެފައި މިކަމަކީ އެފަރާތްތަކުގެ ވަރަށް ބޮޑު އެދުމަކަށްވާތީ ކަމަށްވެސް ވިދާޅުވި އެވެ.
މޭޔަރު އެ ހުށަހެޅުއްވުމަށް ތާއީދުކުރައްވައި ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހީމް ސުޖާއު ވިދާޅުވީ، ހުޅުމާލޭ ފޭސް ދޭއް އެއީ ގިނަބަޔަކު ދިރިއުޅެމުން އަންނަ ތަނެއް ކަމުން، އެ ރައްޔިތުނަށްވެސް ފޭސް އެކެކޭ އެއްގޮތަށް މޭވައާއި ތަރުކާރީ ލިބޭނެ ގޮތް ހަމަޖައްސައިދިނުން އެއީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި އެޗްޑީސީގެ ކަމާ ބެހޭ ފަރާތްތަކުގެވެސް މަޝްވަރާގެ މަތިން އެމީހުންގެ އެއްބާރުލުންވެސް ދޭނެކަމަށް ވިދާޅުވި ކަމަށްވެއެވެ.