ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ފަލީހަތް ނުވަނީސް ރައްޔިތުންނަށް އުނދަގޫ ކުރުން ހުއްޓަވާލައްވާ: ޑރ. އިޔާޒް

އިތުރަށް ފަލީހަތް ނުވަނީސް ރައްޔިތުންނަށް އުނދަގޫ ކުރުން ހުއްޓަވައިލެއްވުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ގޮވާލައްވައިފިއެވެ.

ޑރ. އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިތުރު އިންތިހާބެއް ބާއްވައިފިނަމަ ރައީސް ޔާމީނަށް ކުރިން ލިބިވަޑައިގެންނެވި ވަރުވެސް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ރައީސް ޔާމީން ހުށަހެޅުއްވި ދުސްތޫރީ މައްސަލަ އަނބުރައި ނެންގެވުމަށް ވެސް ޑރ. އިޔާޒް އެދިލެއްވިއެވެ.

"ރައީސް ޔާމީނެވެ. އިތުރު އިންތިހާބެއް ބާއްވައިފި ނަމަ ކުރިން ލިބިވަޑައިގެންނެވި ވަރުވެސް މަނިކުފާނަށް ދެނެއް ލިބިވަޑައެއް ނުގަންނަވާނެއެވެ. ވީމާ އިތުރަށް ފަލީހަތް ނުވަނީސް ރައްޔިތުންނަށް އުނދަގޫ ކުރުން ހުއްޓަވާލައްވާ. ސުޕްރީމް ކޯޓަށް ލައްވައިގެން ތިޔަ އުޅުއްވާ މައްސަލަ އަނބުރާ ނަންގަވާށެވެ.،" ޑރ. އިޔާޒް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއަށް ފަހު، ބަލިގަބޫލުފުޅު ކުރައްވައި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ރައީސް ޔާމީން މަރުހަބާ ދެންނެވި ނަމަވެސް، ދާއިމީ ނަތީޖާއަށް ފަހު ޕީޕީއެމްގެ ފަރާތުން ވެސް ފެންނަނީ ބަލިގަބޫލުނުކުރާ މަންޒަރެވެ.