އިމާދު ލަތީފު
ތުރުކީއާއި ސީރިޔާއަށް ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ ބައިލައްކައަށް އަރައިފައެވެ. މި ކާރިސާގައި މަރުވި މީހުންގެ ތެރެއިން އެންމެ މަޝްހޫރު މީހަކީ އެފްރިކާގެ ގައުމެއްކަމަށްވާ ގާނާގެ ފުޓްބޯޅަ ތަރި އުމުރުން 31 އަހަރުވީ ކްރިސްޓިއަން އަޓްސޫއެވެ. އޭނާ ދިރިއުޅުނު އެގާރަބުރީގެ އެޕާޓްމަންޓު ފުނޑުފުނޑުވެގެން ބިމާހަމަވިއިރު އަޓްސޫ ހުރީ ނުވަވަނަ ބުރީގައެވެ. ހުއްޓާނުލައި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އިމާރާތުގެ ވެއްޓިފައިވާ ބައިތަކުގެ ތެރެއިން މަރުވެފައިވާ ހަށިގަނޑު ފެނުނީ މިހަފުތާގެ ހޮނިހިރު ދުވަހުއެވެ. ޓާރކިޝް އެއަރލައިނުގެ ޗާޓަރު މަތިންދާބޯޓެއްގައި އަޓްސޫގެ ހަށިގަނޑު މިހަފުތާގެ އާދީއްތަ ދުވަހު ގާނާގެ ވެރިރަށް އާކްރާއަށް ވަނީ ގެންގޮސްފައެވެ.
ބިންހެލުމުގެ ކާރިސާގައި އަޓްސޫ މަރުވިއިރު އޭނާގެ އަންހެނުންނާއި ތިންކުދިން ތިބީ އޭނާއާ ވަކިން މާދުރުގައި އިނގިރޭސިވިލާތުގެ ނިއުކާސަލްގައެވެ. އާއިލާގެ މެންބަރުން ސަލާމަތްވީ އެގޮތުންނެވެ. އަޓްސޫގެ އަންހެނުންނަކީ ޖަރުމަންވިލާތުގެ އުމުރުން 31 އަހަރުވީ ލިއުންތެރިއެއްކަމަށްވާ މާރީ ކްލެއަރ ރޫޕިއޯއެވެ. ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އަޓްސޫ ދިރިއުޅެމުން އައީ ތުރުކީގައެވެ. އޭނާގެ ކުލަބްކަމަށްވާ ހަތާޔަސްޕޯރު ނިސްބަތްވަނީ ބިންހެލުން އައި ސަރަހައްދަށެވެ. އެއީ ތުރުކީގެ ސުޕަރ ލީގުގެ ކުލަބެކެވެ. ބިންހެލުމުގެ އެއްދުވަސްކުރިން ތުރުކީގެ ލީގުގައި ހަތާޔަސްޕޯރު ކުޅުނު މެޗުން އެޓީމު މޮޅުވީ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ހިލޭޖެހުމަކުން ކްރިސްޓިއަން އަޓްސޫ ޖަހައިދިން ގޯލުންނެވެ.
މެދުތެރެއިން އަރިމައްޗަށް ކުޅޭ އަޓްސޫ ވަނީ ހަތާޔަސްޕޯރަށް ބަދަލުވުމުގެ ކުރިން ޔޫރަޕުގެ އެކި ލީގުތަކުގެ ވަރަށް ގިނަ ކުލަބްތަކަށް ކުޅެފައެވެ. އޭގެތެރޭގައި ޕޯޗުގަލްގެ ޕޯޓޯއާއި، ހޮލެންޑުގެ ވިޓެސް، ސްޕޭނުގެ މަލަގާ، އިންގްލެންޑްގެ ޗެލްސީ، އެވަޓަން، ބޯންމަތު، ނިއުކާސަލް، އަދި ސައޫދީ އަރަބިޔާގެ އައްރާއިދު ހިމެނެއެވެ. މީގެތެރެއިން އެންމެ ގިނަ ދުވަހު ކުޅުނީ ނިއުކާސަލްއަށެވެ. ޖުމްލަ ހަ އަހަރު އެ ކުލަބަށް ކުޅުނެވެ. މި ހަފުތާގެ ހޮނިހިރު ދުވަހު އިނގިރޭސި ލީގުގައި ނިއުކާސަލް އާއި ލިވަރޕޫލް ކުޅުނު މެޗު ފެށުމުގެ ކުރިން ސްޓޭޑިއަމްގައި އަޓްސޫގެ ހަނދާނުގައި ހިމޭންކަމުގެ ވަގުތުކޮޅެއް ގެނައީ އެހެންވެގެންނެވެ. މިކަންކުރީ އަޓްސޫގެ އަންހެނުންނާއި ތިންކުދިންވެސް ނިއުކާސަލްގެ ސްޓޭޑިއަމް ކަމަށްވާ ސެންޓް ޖޭމްސް ޕާރކަށް ގެންގޮސްގެންނެވެ.
ކްރިސްޓިއަން އަޓްސޫ ވަނީ 2012 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމަޔަށް ގާނާގެ ގައުމީ ޓީމަށް 63 މެޗު ކުޅެފައެވެ. އޭގެ ތެރޭގައި 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވުނު ވޯލްޑްކަޕުގައި ގާނާ ކުޅުނު މެޗުތައްވެސް ހިމެނެއެވެ. އެފްރިކާގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތް ކަމުގައިވާ އެފްރިކަން ނޭޝަންސް ކަޕުގެ ތިން މުބާރާތެއްގައިވެސް އޭނާ ވަނީ ގާނާ ތަމްސީލުކޮށްފައެވެ. އެހެންނަމަވެސް އެންމެފަހުން ހުސްވިއަހަރުގެ ފަހުކޮޅު ގަތަރުގައި ބޭއްވި ވޯލްޑްކަޕަށް ސެލެކްޓްކުރި ގާނާގެ ޓީމުގައި އޭނާއެއް ނުހިމަނައެވެ. އަޓްސޫގެ ހަށިގަނޑު ތުރުކީން ގާނާއަށް ގެންދިޔައިރު އޭނާގެ ސަންދޯކާއެކީގައި ގާނާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ވެރިންނާއި ތުރުކީގައި ހުންނަވާ ގާނާގެ ސަފީރާއި އަޓްސޫގެ އާއިލާގެ މެންބަރުން ދަތުރުކުރިއެވެ.
އުމުރުން އެންމެ ސޯޅައަހަރުން ފެށިގެން ޔޫރަޕުގައި ކުޅޭ މަތީފަންތީގެ ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ގޮތުގައި ތަނަވަސްކަން ލިބުނަސް ޅައިރުގެ ނިކަމެތިކަމާއި ފަގީރުކަން އޭނާ ހަނދާން ނައްތައެއް ނުލައެވެ. އަޓްސޫގެ އެއްބަނޑަށް ޖުމްލަ ދިހަ މީހުން ތިބެއެވެ. އޭގެ ތެރެއިން އެއް އަންހެނަކީ އޭނާއާ އެއްމާބަނޑު މީހެކެވެ. އަޓްސޫ، މިނަމުގެ މާނަޔަކީވެސް ނިބޫ ނުވަތަ އެއްމާބަނޑު ކުއްޖާއެވެ. މިހުރިހާ ކުދިންގެ ބައްޕަޔަކީ މަސްވެރިއެކެވެ. އާއިލާއަށް ދިރިއުޅުމެއް ލިބުނީ ފުޓްބޯޅަ ކުޅެގެން އަޓްސޫއަށް އާމްދަނީއެއް ލިބެން ފެށުމުންނެވެ. އާމްދަނީގެ ބައެއް ކޮންމެ މަހަކުވެސް ހޭދަކުރަމުންއައީ ގާނާގެ ފަގީރުންނަށް އެހީވުމަށެވެ. އޭނާއަކީ ކުޑަކުދީންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއްގެ އެމްބެސެޑަރުވެސްމެއެވެ.
ބިންހެލުމުގެ ކުޑަވަގުތުކޮޅެއް ކުރިން އަޓްސޫއާ އެންމެ ފަހުން ފޯނުން ވާހަކަދެއްކީ ލަންޑަނުގައި ހުރި އޭނާގެ އެޖެންޓެވެ. އެޖެންޓް ބުނާގޮތުގައި އެރޭ މެންދަމުން އަލިވެ ތިންގަޑިބަޔާ ހަމައަށް އަޓްސޫ ހުރީ ރައްޓެއްސެއްގެ އެޕާޓްމަންޓުގައި ޕޯކަރ ކުޅޭށެވެ. އަމިއްލަ އެޕާޓްމަންޓަށް ފޯރީ ގާތްގަޑަކަށް ހަތަރެއް ޖެހިއިރުއެވެ. ބިންހެލުން އައީ އޭގެ ބައިގަޑިއިރު ފަހުންނެވެ. އެހިސާބަށް ބިންހެލުމެއް އައިކަން އެނގުނީމާ އަޓްސޫއަށް ގުޅަން މަސައްކަތްކުރި ކަމަށާއި ފޯނު ނުނަގާކަމަށްވެސް ބުންޏެވެ. އެޖެންޓް ބުނާގޮތުގައި ރައްޓެހިންނާއެކު ޕޯކަރު ކުޅެން އެހާ ދަންވަންދެން އިނީ އެދުވަހު މެޗެއް ކުޅެ މޮޅުވުމުގެ އުފަލުގައެވެ. ބިންހެލުން އައިވަގުތު ޔަގީނުންވެސް އަޓްސޫ އޮންނާނީ ނިދައިފައި ނޫންކަމަށާއި ނިދޭހާ ވަގުތެއް އެދޭތެރޭގައި ނުވާކަމަށްވެސް ބުންޏެވެ.