ޚަބަރު

މިއަހަރު ނިމުމުގެ ކުރިން ތާޒާގެ 500 އެމްއެލް ފެން، ޕްލާސްޓިކް ފުޅީގައި ބަންދުކުރުން ހުއްޓާލަނީ

މިއަހަރު ނިމުމުގެ ކުރިން ތާޒާގެ 500 އެމްއެލް ފެން، ޕްލާސްޓިކް ފުޅީގައި ބަންދުކުރުން ހުއްޓާލާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ރޭ ވިދާޅުވީ، އެ ކުންފުނީގެ އެންމެ ބޮޑު އަމާޒެއް މިހާރު ހުރީ ސިންގަލް ޔޫސް ޕްލާޓިކާ ދުރުވެ، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފެން އުފެއްދުމަށް ކަމަށެވެ.

ޝާހު ވިދާޅުވީ، ތިމާވެއްޓާ ރައްޓެހި ގޮތަށް ފެނުގެ ހިދުމަތްދިނުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޖަޕާނުގެ ހިޓާޗީ ޒޯސެން ކުންފުންޏާއި ރިނިއުބަލް އެނާޖީ މޯލްޑިވްސް އަދި އެމްޑަބްލިޔުއެސްސީ ގުޅިގެން 500 ކިލޯވޮޓްގެ ކަރަންޓު އުފެއްދޭ ވަރުގެ ސޯލާ ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އަމަލު ކުރުމުގެ ގޮތުން 300 އެމްއެލް ފެން، ޕްލާސްޓިކް ފުޅީގައި ބަންދުކުރުން މިހާރު ހުއްޓާލާފައިވާ ކަމަށާއި އަދި ޕްލާސްޓިކް ފުޅީގައި މިހާރު ބަންދުކޮށް ވިއްކަމުން ގެންދާ ތާޒާގެ 500 އެމްއެލް ފެން، ޕްލާސްޓިކް ފުޅީގައި ބަންދުކުރުން މިއަހަރު ނިމޭއިރު ހުއްޓާލާނެ ކަމަށް ވިދާޅުވިއެވެ.

"އެކަން ހުއްޓާލުމުން ކުންފުންޏަށް ގެއްލުންތަކެއްވެސް ވާނެ. އެހެންނަމަވެސް އެކަން ހުއްޓާލުމުގެ ކުރިން ބާޒާރަށް ދެ ލީޓަރު ނުވަތަ 2500 އެމްއެލްގެ ފެންފުޅި ނެރުމަށް މިހާރު އަންނަނީ މަޝްވަރާތައް ކުރަމުން،" ޝާހް ވިދާޅުވިއެވެ.

ޝާހު އިތުރަށް ވިދާޅުވީ، ފެން އުފެއްދުމަށް އަހަރެއްގެ މައްޗަށް މިހާރު 400 މިލިއަން ރުފިޔާގެ ޑީސަލް ބޭނުން ކުރާ ކަމަށާއި އިޔާދަކުރަނިވި ހަކަތައިން ފެން އުފައްދަން ފެށުމުން މާލީ ގޮތުން ކުންފުންޏަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.