ޚަބަރު

މަރޮށި އަދި ފޯކައިދޫއަށް ރައީސްގެ ގިނަ ވައުދުތަކެއް!

މަރިޔަމް ޝަހުދާ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ށ. އަތޮޅުގެ ދާއިރާތަކަށް އެމްޑީޕީން ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުހައްމަދު ސޯލިހު ށ.މަރޮށި އަދި ފޯކައިދޫއަށް ބައެއް ކަންކަން ކޮށްދެއްވުމަށް ވައުދުވެވަޑައިގެންފިއެވެ.

ށ. ފޯކައިދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ މިއަހަރުތެރޭގައި ފޯކައިދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ފުރިހަމައަށް ގާއިމް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ، މި މަޝްރޫއަކީ މިހާރު ބީލަމަށް ލެވިފައިވާ މަޝްރޫއެއް ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ފޯކައިދޫގައި ރަނގަޅު ބަނދަރެއް ހައްދަވައި ދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. ހަމައެއާއެކު އެރަށު އިންޖީނުގެ އަށް ބަދަލު ގެނައުމުގެ އިތުރުން މިއަހަރު ތެރޭގައި ފޯކައިދޫ ސްކޫލަށް ބޭނުންވާ 10 ކްލާސްރޫމާއި ހޯލްގެ މަސައްކަތް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ މަރޮށީގައިވެސް ފެނާއި ނަރުދަމާ ގާއިމް ކޮށްދެއްވުމުގެ މަސައްކަތް މިއަހަރު ފެށިގެން ދާނެ ކަމަށް ވިދާޅުވެފައެވެ. އަދި މަރޮށީގެ ޒުވާނުންނަށް އަޅަން ފަށާފައިވާ ފުޓްސަލް ދަނޑު އެޅުމަށް ބޭނުންވާ ފައިސާ އާއި ސާމާނު ވަރަށް އަވަހަށް އެރަށު ކައުންސިލާއި ހަވާލުކޮށް، ފުޓްސަލް ދަނޑުގެ މަސައްކަތް ކައުންސިލް އިދާރާގެ ބެލުމުގެ ދަށުން ކުރެވޭނެގޮތް ހަމަޖައްސަވާނެކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި މަރޮށީގެ ބަނދަރު މަރާމާތްކޮށް ހެދުމުގެ މަސައްކަތައް ބަޖެޓު ކުރާނެކަމަށެވެ.