ޚަބަރު

ގެއްލިފައިވާ ހައްގުތައް ހޯއްދައި ދިނުމަށް އެތައް ގާނޫނެއް، މަޖިލީހަށް ހުށަހަޅައިގެން ވާނީ ބާތިލް ކޮށްފަ

އިބްރާހިމް ޒަކީ

ވެރިކަމަށް ވަޑައިގެން ރައްޔިތުންނަށް އޯގާތެރި ވެރިކަމެއް ކޮށްދެއްވުމަށް ފުރަތަމަ ދުވަހުން ފެށިގެން ފެއްޓެވި މަސައްކަތްތަކުން، ރައްޔިތުންގެ ގެއްލިފައިވާ ހައްގުތައް ހޯއްދަވައިދެއްވުމަށް، އެތައް ގާނޫނެއްް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބާތިލް ކުރައްވާފައި ވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް ކެމްޕެއިންގައި އެމްޑީޕީގެ ފަރާތުން ށ. ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައިސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން އޮތް ހާލަތަކީ، ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގެންފައިވާ ހާލަތެއް ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތައް ގެނައުމުގެ މަސައްކަތް ފެއްޓެވި ކަމަށެވެ.

"ފުރަތަމަ ދުވަހުންފެށިގެން އަޅުގަނޑު މި އައީ ރައްޔިތުންނަށް އޯގާތެރި ވެރިކަމެއް ކުރެވޭތޯ މަސައްކަތް ކުރަމުން. ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށައި، ސަރުކާރުގެ މިސްރާބު ހަމަމަގަށް އެޅުމުގެ މަސައްކަތް މިދިޔައީ ކުރަމުން އެގޮތުން ގެއްލިފައިވާ ހައްގުތައް ހޯދުމަށްޓަކައި، އޭރު ފާސްކުރެވިފައިހުރި އެތައް ގާނޫނެއްް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ވަނީ ބާތިލް ކުރެވިފަ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެ ވަޑަައިގެންނެވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވަނީ، އޭރު އެންމެ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަކުރެވިފައިވާ، އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު ވަނީ މަޖިލީހަށް ހުށަހަޅުއްވައި އުވާލައްވައިފައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމަށް މި ވޭރުވި ހަތަރު މަސްދުވަހުގެ ތެރޭގައި ވަރަށްގިނަ ކަންތައްތަކެއް ކުރެވިފައިވާ ކަމަށެވެ.

"ތައުލީމީ ދާއިރާއަށް ބަލާލާއިރު، ރާއްޖޭގައި މަތީ ތައުލީމު ހިލޭ ލިބިގަތުމުގެ ފުރުސަތު ވަނީ ހުރިހާ ދަރިވަރުންނަށް ހުޅުވާލެވިފަ. ރާއްޖޭން ބޭރަށް ތައުލީމް ހާސިލްކުރަންދާން ބޭނުންނާ ދަރިވަރުންނަށް ފަސޭހައިން ލޯނުލިބބި ކުޑަ އިންޓްރެސްޓުގައި ދިގު މުއްދަތުން ދައްކާގޮތަށް އެފައިސާލިބި އެކަން ކުރެވޭގޮތް މިވަގުތުވަނީ ހުޅުވާލެވިފަ. 242 ލޯނު ވަނީ ހުސްވި ހަފްތާގައި ހުޅުވާލެވިފަ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކުރިއަށް މިއޮތް ޓާމް ފެށޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ސްކޫލެއްގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުގެ ހަރަދުގައި ހެނދުނުގެ ނާސްތާ ލިބޭނެ ކަމަށެވެ.

"ޑީސަލްގެ އަގު ހެޔޮ ކުރެވި، ދަނޑުވެރިކަމުގެ އެތައް ސާމާނަކުން ޑިއުޓީ ވަނީ ކަނޑާލައިފައި،" ހަތަރު މަސްދުވަހުގެ ތެރޭގައި ސަރުކާރުން ކުރެއްވި އިތުރު ކަންކަން ހާމަ ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.