ރާއްޖޭގެ ސޯޝިއޯ އިކޮނޮމިކްގެ ކުރިއެރުމަށް ޕާކިސްތާނުން ކުރައްވާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ޝުކުރު އަދާކުރައްވައިފިއެވެ.
ޕާކިސްތާނުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވަނީ ރާއްޖެއިން ޕާކިސްތާނަށް އެހީ ފޯރުކޮށްދެވެން ހުރި ހުރިހާ ދާއިރާއަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ދެގައުމު އެއްކޮށް ސައުތު އޭޝިއާ ސަރަހައްދާއި އިންޑީއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރަންވާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ދެގައުމުގައި ދިރިއުޅޭ ދެގައުމުގެ ރައްޔިތުންނަށް ކުރިއަށް އޮތްތާނގައި އިތުރު ފަސޭހަތައް ހޯދަދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އަދި ދެ ގައުމުގެ ދެމެދުގައި ފަންސާހަށްވުރެ ގިނަ އަހަރުވެފައިވާ އެކުވެރި ކަމަކީ ދެ ގައުމުގައި ހުރި އެއްގޮތް ކަންކަމުގެ އިތުރުން ދެ ގައުމަކީ ވެސް މުސްލިމް ދެ ގައުމަށް ވުމާއި، އެއް ގައުމު އަނެއްގައުމަށް ކުރާ އިހްތިރާމު ދެނެގަތުމުގެ ނަތީޖާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.