އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ، މަރާލި. ފޭދޫ، ސޮލިޑް، މުހައްމަދު ޒަޔާން މޫސާ 21އ، މަރާލި މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތްތަކުގެ އަަޑުއެހުންތައް ފަށައިފިއެވެ.
ޒަޔާން މަރުވީ، މިދިޔަ އަހަރުގެ ޖޫން މަހުގެ ދެ ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އޭނާއަށް ތޫނު އެއްޗަކުން ދިން ހަމަލާތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް އެ މަހުގެ ތިން ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
ޒަޔާންގެ މަރާ ގުޅިގެން 11 މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ހަތަރު ކުދިންވެސް ހިމެނެއެވެ. އެއީ 15 އަހަރުގެ ދެ ކުދިންނާއި 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެކެވެ.
ޔައީސް އާއި އައިލިޝްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި ބިރުދެއްކުމުގެ ކުށުގެ ދައުވާ އާއި ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ އަށް ދައުވާއެވެ.
ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުގެ ކުށުގެ ދައުވާ އެ މީހުންގެ މައްޗަށް އުފުލާފައިވަނީ 2 ޖޫން 2022 ދުވަހު 00:15 އެހާކަށްހާ އިރު ސ. ފޭދޫ، ކަރަންފޫގޭގައި މުހައްމަދު ޒަޔާން މޫސާއަށް ހަމަލާދިނުމުގެ ކަންކަން ކުރިއަށް ގެންދާނެގޮތް އިތުރަށް ރާވައި، ރާވާފައިވާ ގޮތުގެ މަތިން ހަމަލާދިނުމަށް ތޫނު ހަތިޔާރު ހިފައިގެން ސޮލިޑް ގެއަށް ސިއްރުން ވަދެ، އެގޭގެ ގޯތިތެރޭގައި ފާރައަށް ފިލައިތިބުމަށްފަހު، އެރޭގެ 02:45 އެހާކަށްހާ އިރު، ޒަޔާން ގެއިން ބޭރަށް ނުކުތުމަށްފަހު ގޭގެ ގޯތިތެރެއަށް ވަތް ވަގުތު، ތޫނު ހަތިޔާރު ބޭނުންކޮށްގެން ޒަޔާންއަށް ހަމާލާދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އެ ދުވަހުގެ 11:04 އެހާކަށްހާ އިރު، ޒަޔާން މަރުވެފައިވާތީއެވެ.
ބިރުދެއްކުމުގެ ދައުވާ އެ މީހުންގެ މައްޗަށް ކުރީ ސިލްސިލާކޮށް ސ. ފޭދޫ ސޮލިޑްގެ ކައިރިއަށް އެއްވެ ތަފާތު އެކި ގޮތްގޮތުން ޒަޔާން މަރާލާނެ ކަމަށް ބުނެ ބިރުދައްކާފައިވާތީއެވެ.
ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާތައް އެމީހުންގެ މައްޗަށް ކޮށްފައިވަނީ، ސިލްސިލާކޮށް ސޮލިޑްގެ ކައިރިއަށް އެއްވެ ތަފާތު އެކި ގޮތްގޮތުން ޒަޔާން މަރާލާނެ ކަމަށް ބުނެ ބިރުދެއްކުމުގެ އަމަލުތަކުގައި ކުޑަކުދިން ގްރޫމްކޮށްގެން ބޭނުންކޮށްފައިވާތީ އާއި ޒަޔާން މަރާލުމަށް ރާވައި މަރާލުމުގެ އަމަލުގައި އެ ކުދިން ބޭނުންކޮށްފައިވާތީއެވެ.
ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ ކޮށްފައިވަނީ ޝުއާއު އާއި ޝިޔާއު އާއި ނިޒާރާއި އަހުމަދު އަބްދުﷲ އާއި ނަބީލްގެ މައްޗަށެވެ. އޭގެ ތެރެއިން ޝިޔާއު ފިޔަވައި އެހެން އެންމެންގެ މައްޗަށް ބިރު ދެއްކުމުގެ ދައުވާވެސް ކޮށްފައިވެއެވެ. އަދި ޝިއާއު ހިމެނޭހެން އެންމެންގެ މައްޗަށް ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާވެސް ކުރެއެވެ. އެގޮތުން ޝިޔާއު ފިޔަވައި އެހެން މީހުންނަށް ކުޑަކުއްޖެއް ބޭނުންކޮށްގެން ޖިނާއީ ކުށެއް ކުރުމުގެ އަށް ދައުވާ ކޮށްފައިވާ އިރު، ޝިޔާއުގެ މައްޗަށް އުފުލީ އެފަދަ ހަތަރު ދައުވާއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވަނީ ދައުވާ ލިބޭ ފަރާތްތައް ލިބިގެންވާ ހައްގުތައް ކިޔައިދެއްވައިފައެވެ.
ގާޒީ ވިދާޅުވީ، މި މައްސަލައަކީ ގިނަ ލިޔުންތައް ހިމެނޭ މައްސަލައެއް ކަމަށާއި އެ މައްސަލައާ ގުޅިގެން ދައުލަތުން ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފައިވާ ކަމަށެވެ. އެކަމަށް ވަކި އަޑުއެހުމެއް ބާއްވަވާނެ ކަމަށެވެ. އަދި މައްސަލައިގެ ލިއެކިއުންތައް ދިފާއަށް ލިބިފައިވޭތޯ ކަށަވަރު ކުރުމަށް އިދާރީ ބައްދަލުވުމެއް ވެސް ބާއްވަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ ދައުވާއަށް ޖަވާބުދާރީވުން ކުރިއަށްދާނީ އެ ބައިތަކަށްފަހު ކަމަށެވެ.
މީގެ އިތުރުން ގާޒީ ވިދާޅުވީ، ކުޑަކުއްޖެއް ބޭނުންކޮށްގެން ޖިނާއީ ކުށެއް ކުރުމުގެ ދައުވާގެ އަޑުއެހުންތައް ކުރިއަށްގެންދާނީ ސިއްރުކޮށްގެން ކަމަށެވެ.
މިމައްސަލައިގައި 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ގެ ފަސް ވަނަ މާއްދާގެ (ހ) ގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި 18 އަހަރު ނުފުރޭ އިތުރު ތިން ކުދިންގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ބ) ގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ އުފުލައި އެ މައްސަލަ ވަނީ ޖުވެނައިލް ކޯޓަށް ހުށަހަޅައިފައެވެ.
ޕީޖީން ބުނި ގޮތުގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ ލިބޭ ތިން ކުދިންގެ ތެރެއިން ދެ ކުދިން ކުށަށް އިއުތިރާފުވެ، ޑައިވާޝަން ފުރުސަތަށް އެދިފައިވާތީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ޑައިވާޝަން އެގްރީމެންޓް ހަދާފައިވާ ކަމަށެވެ.
ޑައިވާޝަނަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ގާނޫނާ ހިލާފުވާ ކުދިންނަށް ޝަރުއީ ނިޒާމުގެ ބޭރުން ފުރުސަތު ހޯދައިދިނުމަށް ދެވޭ ފުރުސަތެކެވެ.
ޒަޔާންގެ މަރުގެ މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތު އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވި ގޮތުގައި ޒަޔާން މަރާލީ ދުރާލައި ރާވައިގެން ކަމަށާއި ޒަޔާން މަރާލީ އައްޑޫ ސިޓީ ފޭދޫގައި ގޭންގް ހަދައިގެން ތަފާތު ކުށްތައް ކުރަމުން އަންނަ ދެ ބައެއްގެ ދެމެދުގައި ހިންގަމުންދިޔަ ސިލްސިލާ މާރާމާރީތަކުގެ ސަބަބުން ކަމަށެވެ.