ޚަބަރު

ސިޔާސީ އެއްވެސް ލީޑަރަކު މިއަދު ޖަލުގައި ބަންދު ކުރެވިފައެއް ނުހުންނާނެ: ރައީސް ސޯލިހު

އިބްރާހިމް ޒަކީ

ސިޔާސީ އެއްވެސް ލީޑަރަކު މިއަދު ޖަލުގަިއ ބަންދު ކުރެވިފައި ނުހުންނާނެ ކަމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ކެމްޕެއިންގެ ތެރެއިން ށ.ފޯގައިދޫއަށް ވަޑައިގެން އެރަށުގައި މިހާރު ކުރިއަށްދާ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް ސޯލިހު ވިދާޅުވީ،

އެމަ ނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ވަރަށްދަތި އުނަދަގޫ ހާލަތެއްގެ ތެރެއިން އެތައް ބަޔަކު ބަދަލަކަށް ކުރި މަސައްކަތްތަކެއްގެ ތެެރެއިން ކަމަށެވެ. އަދި ސިޔާސީ ގޮތުން އޭރުގެ ސަރުކާރާ ހިޔާލު ތަފާތުވާ ކޮންމެ މީހަކު ޖަލުގެ ކުޑަގޮޅިތަކުގައި ބަންދު ކުރެވިގެންދިޔަ ކަމަށްވެސް ވިދާޅުވިއެވެ.

"ސިޔާސީގޮތުން އޭރުގެ ސަރުކާރާއި ހިޔާލު ތަފާތުވާ ކޮންމެ މީހަކު އޮތީ ޖަލުގެ ކުޑަގޮޅިތަކުގެ ތެރޭގައި ބަންދު ކުރެވިފަ. މިދެންނެވި ހާލަތު ގޯސްވެގެން ތި ހުރިހާ ބޭފުޅުން ޕީޕިއެމް ފިޔަވައި އޮތް ހުރިހާ ޕާޓީތަކުން އެކުގައި ނިކުމެ މަސައްކަތް ކުރީ މިކަންކަން ބަދަލުކުރަން. މިއަދު ހަމަ ގައިމުވެސް ސިޔާސީ އެއްވެސް ލީޑަރަކު ޖަލުގައި ބަންދު ކުރެވިފައެއް ނުހުންނާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވެރިކަމަށް އައުމުގެ ކުރިން ރާއްޖެ އޮތް ހާލަތަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ އަސާސީ ހައްގުތައް ރާއްޖޭގެ ރައްޔިތުންގެ ކިބައިން އޭރު ނިގުޅައިގެންފައި ވާކަމަށެވެ.

"ރާޖޭގެ އޭރުގެ ހާލަތަށް ބަލައިލާއިރު އަސާސީ ހައްގުތައް ރާއްޖޭގެ ރައްޔިތުންގެ ކިބައިން ވަނީ ނިގުޅައިގެންފަ. އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމާއި އަދި ނޫސްވެރިކަމުގެ މިނިވަންކަން ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެ. ކަރަޕްޝަނާއި ވައްކަން އިންތިހާއަށް ސަރުކާރުގެ ތެރޭގައި އޮތީ މޫ ލައިފަ. ކޮންމެ ބޮޑު ޕްރޮޖެކްޓަކާ ގުޅިގެން އެކަމަކާ ހަވާލުވެތިބި ވެރިންގެ ބޮލުގައި އެތައް ކޮރަޕްޝަނާއި ވައްކަމުގެ ޒިންމާވަނީ އެޅިފައި،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާލުވީ، އޭރު ރައްޔިތުންގެ މަޖިލިސް ވެސް ހަރަކާތްތެރި ނުވާކަމަށާއި އެ މަޖިލިސް އޮތީ ތަޅުއަޅުލައި ބަންދު ކޮށްފައި ކަމަށެވެ. އަދި ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒު އިންތިހާއަށް ފޯވުވާފައިވާކަމަށްވެސް ވިދާޅުވިއެވެ.

"ދައުލަތުގެ މާލީ އިދާރާތަކާ ދޭތެރޭގައި ރައްޔިތުންގެ އިތުބާރު އޭރު އޮތީ ގެއްލިފައި. ރައްޔިތުން ތަމްސީލް ކުރައްވަން ތިބޭފުޅުން ހޮއްވަވާފައި އޮތް ރައްޔިތުންގެ މަޖިލިސް ހަރަކާތްތެރިއެއްނުވޭ. އެތަން އޮތީ ތަޅުލައި ބަންދުކޮށްފަ. ޝަރުއީ ދާއިރާއަށް އިންތިހާއަށް އޮތީ ސަރުކާރުގެ ނުފޫޒު ފޯރުވައިފަ މިއީ އެދުވަހުގެ ހާލަތު،" ރައީސްވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން ރައްޔިތުންނަށް އޯގާތެރި ވެރިކަމެއް ކުރެއްވޭތޯ މަސައްކަތް ކުރަވަމުން ގެންދަވާ ކަމަށާއި، ރައްޔިތުންގެ ދިރިއުޅުމަށްހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށައި، މިހާރު ބަދަލުތަކެއްވެސް ގެނެވިފައިވާކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ ތި ހުރިހާ ބޭފުޅުންކުރެއްވި މަސައްކަތުން އޭރުގަ އެއޮތް އަނިޔާވެރި ވެރިކަން މިއަދު ވަނީ ބަދލަު ކުރެވިފަ. އެ ބަދަލާއެކުގައި ވެރިކަމާ ހަވާލު ވުމާއެކީގައި ފުރަތަމަ ދުވަހުންފެށިގެން އަޅުގަނޑު މިއައީ ރައްޔިތުންނަށް އޯގާތެރި ވެރިކަމެއް ކުރެވޭތޯ މަސައްކަތް ކުރަމުން. ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށައި، ސަރުކާރުގެ މިސްރާބު ހަމަމަގަށް އެޅުމުގެ މަސައްކަތް މިދިޔައީ ކުރަމުން،" ރައީސް ވިދާޅުވިއެވެ.