މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ އެކަމުގައި، މިލިއަނަރުންގެ މަސްލަހަތު އޮތްކަމަކަށް ވުމުން އެމީހުން މަޖިލީހަށް ހޮވައިފި ނަމަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅިގެން ނުދާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ކެމްޕެއިންގެ ތެރެއިން އަތޮޅުތަކުގެ އެކި ރަށްރަށައް ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ ތެރެއިން ވ.ފެލިދޫއަށް ވަޑައިގެން އެރަށުގައި މިއަދު ހަވީރު ކުރިއަށްދިޔަ ޖަލްސާގައެވެ.
ނަޝީދު ވަނީ ސަރުކާރު ފަރާތުން ހުށަހަޅާ ބިލްތަކަށް ވޯޓު ދެނީ ހަމައެކަނި އެމްޑީޕީ މެމްބަރުން ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުގެ އެހެން މެމްބަރުން އެމްޑީޕީން ހުށަހަޅާ ބިލްތަކަށް ވޯޓު ނުދެނީ އެ ބިލްތަކުގައި އެ މެމްބަރުންގެ މަސްލަހަތު ހިމެނޭތީކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ ހިޔާނާތާއި ގުޅޭގޮތުންވެސް، އަދި މީހަކު ގެއްލިފައިވާ ކަންތައްތަކާ ގުޅޭގޮތުންވެސް މަސްލަހަތު އޮތް މެމްބަރުން މިހާރު މަޖިލީހުގައި ތިބި ކަމަށް ވިދާޅުވެފައެވެ. އަދި މިލިޔަނަރަކަށް ވީމާ މިލިޔަނަރުގެ މަސްލަހަތު ފުށުއަރާ ބިލްތަކުގައި ކަންކަން ދެކޮޅު ޖައްސާނީ ކިހިނެއްތޯ ނަޝީދު ވަނީ ސުވާލު އުފައްދަވައިފައެވެ.
އަދި އެމްޑީޕީގެ އެޖެންޑާ 19 އިން ރިސޯޓު ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި، ސާވިސްޗާޖާއި މުސާރަ ގަވައިދުން ލިބޭ އޮނިގަނޑެއް ކަނޑައެޅުމުން ރިސޯޓު ހިންގާ މިލިޔަނަރުންގެ މަސްލަހަތު މިކަމާ ފުށުއަރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީގެ ކެނޑިޑޭޓުންގެ މަސްލަހަތަކީ ހަމައެކަނި ރައްޔިތުންކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން އެޖެންޑާ 19 އާއެކު އެމްޑީޕީން ނިކުމެ ތިބީ މުޅި ރާއްޖެ ތަރައްގީ ކުރުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.