އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓް ލުމުގެ ހައްޤުލިބިފައިވާ ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުންގެ ފަރާތުން ސޮއިކުރަން މާދަމާ ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.
އެކޮމިޝަނުން ބުނެފައިވަނީ، ވޯޓަާސް ލިސްޓް ގައި ސޮއިކުރުން ކުރިއަށް ދާނީ މާދަމާއިން ފެށިގެން މިމަހުގެ 26 ގެ ނިޔަލަށް ކަމަށެވެ.
އެގޮތުން މިމަހުގެ 24 ދުވަހާއި 25 ވަނަ ދުވަހު ވޯޓާސް ލިސްޓްގައި ސޮއިކުރުން ކުރިއަށްދާނީ ހެނދުނު 8:30އިން ރޭގަނޑު 10:30އަށް ކަމަށާއި، މިމަހުގެ 26 ވަނަ ދުވަހު ސޮއިކުރުން ކުރިއަށްދާނީ ހެނދުނު 8:30އިން ފެށިގެން މެނދުރު 3:00 އާ ހަމައަށްކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، ސޮއިކުރުން ކުރިއަށްދާނީ އިންތިހާބާބެހޭ މަރުކަޒުގެ ޓްރެއިނިންގ ހޯލްގައި ކަމަށެވެ.
ދެހާސްތޭރަވަނަ އަހަރު ސުޕްރީމް ކޯޓުން ނެރެފައިވާ ގައިޑްލައިންގައި ބުނެފައިވަނީ، އިލެކްޝަން ކޮމިޝަނާއި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ފައިނަލް ވޯޓާސް ލިސްޓު ސައްހަކަމަށް އެއްބަސްވާން ޖެހޭނެ ކަމަށެވެ.