ޚަބަރު

ޖޭޕީގެ ލީޑަރުގެ މަގާމަށް ގާސިމް، ނައިބު ލީޑަރުގެ މަގާމަށް ނަހުލާ ކުރިމަތިލައްވައިފި

އިބްރާހިމް ޒަކީ

ޖުމްހޫރި ޕާޓީ (ޖޭޕީ)ގެ ކުރިއަށް އޮތް ހަތަރު ވަނަ ގައުމީ ކޮންފަރެންސްގައި ބާއްވާ އިންތިހާބުގައި، އެޕާޓީގެ ލީޑަރުގެ މަގާމަށް މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް އަދި ނައިބު ލީޑަރުކަމުގެ މަގާމަށް ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޑް މިނިސްޓަރު އައިޝަތު ނަހުލާ ކުރިމަތިލައްވައިފިއެވެ.

ޖުމްހޫރީ ޕާޓީ އުފެއްދީއްސުރެ އެޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނަވަނީ ގާސިމް އިބްރާހިމެވެ.

ޖޭޕީގެ މީޑިއާ އޮފިޝަލް އަލީ ސޯލިހު މިއަދު ވިދާޅުވީ، އެޕާޓީގެ ނައިބު ލީޑަރުގެ މަގާމަށް ފަސް ބޭފުޅުން ގައުމީ ކޮންފަރެސްއިން އިންތިހާބު ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެ މަގާމުތަކަށް ނަހުލާގެ އިތުރުންވެސް ގިނަ ބަޔަކު ކުރިމަތިލައްވާފައިވާ ކަމަށްވެސް އަލީ ސޯލިހު ވިދާޅުވިއެވެ.

ޖޭޕީގެ ނައިބު ލީޑަރުގެ މަގާމަށް ކުރިމަތިލައްވާފައިވާ ފަރާތްތައް:

ޖޭޕީގެ މިހާރުގެ ނައިބު ލީޑަރު އަދި ކުރީގެ މިނިސްޓަރު އަމީން އިބްރާޙީމް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ޖޭޕީގެ ނައިބު ރައީސް އަހުމަދު ސައުދު ސްޓޭޓް ވަޒީރު އަދި ސްޓެލްކޯގެ ކުރީގެ އެމްޑީ ހަސަން މުޣުނީ ފެނަކައިގެ ކުރީގެ ޗެއާމަން އިގްބާލް އާދަމް ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ޝާހް ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަބުދުﷲ އަހުމަދު ކުރީގެ މިނިސްޓަރު އަޒްލީން އަހުމަދު ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު (ހަނަފީ) އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ކެޔޮދޫ ދާއިރާގެ ކުރީގެ މެންބަރު ސައިޚް މޫސާ ނިޒާރު ޔަޝްފާ އަބުދުލްޣަނީ

މިމަހު 13 ގައި ބޭއްވި އެ ޕާޓީގެ 149 ވަނަ ކައުންސިލް ބައްދަލުވުމުގައި، ޕާޓީގެ ލީޑަރުގެ މަގާމު އުވައިލުމަަށް މަޝްވަރާކުރިއެވެ. ނަމަވެސް ލީޑަރުގެ މަގާމު އުވައިލުމަށް ފާހެއް ނުވިއެވެ. ކައުންސިލުން ނިންމަން މަސައްކަތް ކުރީ، ޕާޓީގެ އަސާސީ ގަވާއިދު ބަދަލު ކުރުމަށް ގައުމީ ކޮންގްރެސްއަށް ހުށަހަޅާ އިސްލާހުގެ ގޮތުގައި ޖޭޕީގެ ލީޑަރުގެ މަގާމުގެ ބަދަލުގައި ރައީސް އެއް ހުންނަގޮތަށް އިސްލާހެއް ހުށަހެޅުމަށެވެ.

ޖޭޕީގެ ގައުމީ ކޮންގަރެސް ބާއްވަން ހަމަޖެހިފައިވަނީ މިމަހު 24 ގައެވެ.