ރާއްޖެ މީގެ ކުރިން ދެކެފައިވާ އަނިޔާވެރިކަން އަލުން ގަދަވިޔަ ނުދޭން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ދަމަހައްޓަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހާ ހަވާލުކުރުމަށް ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ފައްޔާޒު ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ހުރިހާ ބާރަކާއި ހައްގަކާއި އިހުތިޔާރެއް އޮތީ ވެރިކަމުގައި ހުރި މީހެއްގެ އަތުގައި ކަމަށާއި ނަމަވެސް އެކަން ބަދަލުކުރަން ނުކުތީ އެމްޑީޕީން ކަމަށެވެ.
އަދި އެމްޑީޕީގެ ވެރިކަމެއް މިހާރު އޮތަސް އަލުން އެ އެއަނިޔާވެރިން ގަދަކޮށްލުމުގެ ފުރުސަތުތަކަށް ބަޔަކު ބަލަމުންދާ ކަމަށާއި ނަމަވެސް އެމްޑީޕީގެ ތެރެއިން ބަޔަކު އެކަން ހަނދާން ނެތިފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ އިސްލާހީ މަސައްކަތުގެ ބައިވެރިން އަލުން އެ އަނިޔާވެރިކަން ދެކެން ބޭނުންނުވާ ކަމަށާއި އެ މީހުން ބޭނުންވަނީ އަލުން އަނިޔާވެރިކަން އިޔާދަނުކުރެވޭނެ ގޮތަކަށް އެމްޑީޕީ ކަންކަން ކުރުން ކަމަށެވެ.
"ބުރަ މަސައްކަތްތަކަކުން އެތައް ބައެއް ލޯ އޮހޮރުވައިގެން މި ހޯދިފައިވާ މިނިވަންކަމާއި އިންސާފު އަޅުގަނޑުމެން އަތުން ބީވެގެން ދިޔަ ނުދިނުމަށްޓަކާ އަޅުގަނޑުމެން އެންމެން އެކީ އެކައްޗެއް ކިޔައިގެން އެކުއެކީ ގޮސް ދާން ބޭނުންވާ މަންޒިލަށް ދިއުމަށްޓަކާ އަތް ގުޅުވާލަންޖެހޭ. މިކަން ކުރެވޭނީ މި ޕާޓީ ވެރިކަމުގައި ދެމިތިބެގެން. މިދާ ގޮތަށްގޮސް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު އެންމެން އެކީ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްގެން" ފައްޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެމްޑީޕީ އުފެދިގެން އައި ދުވަސްވަރު އޭރުގެ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެ، އިސްލާހީ މަސައްކަތަށް ނުކުތް އެމްޑީޕީގެ މެމްބަރުންގެ މުދާތައް ނިގުޅައިގަނެގެން އަނިޔާވެރިވެ ޖަލަށްލި ކަމަށެވެ. ނަމަވެސް 2008ވަނަ އަހަރު އެ އަނިޔާވެރިކަން ނިންމުމުގެ އުއްމީދު އެމްޑީޕީއަށް ލިބިގެންދިޔަ ކަމަށާއި ނަމަވެސް އެ އުއްމީދު ބީވެގެން ދިޔައީ އަނިޔާވެރިކަން ގަދަވެގަތުމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.