އިނގިރޭސިވިލާތުގެ ރަސްކަމުގެ ވަލީއަހުދު ޕްރިންސް ވިލިއަމާއި އޭނާގެ އަނބިކަނބަލުން ކޭޓް މިޑްލްޓަންގެ ގުޅުން ގޯސްވެ ވަރިފަށަށް އަރަމުންދާކަމުގެ އަޑުތައް ގަދަވާން ފަށައިފިއެވެ. އިނގިރޭސިވިލާތުގެ ގިނަ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ޚާއްސަ ދުވަސްދުވަހު ޕްރިންސް ވިލިއަމް މިހާރު ވަގުތު ހޭދަކުރައްވަނީވެސް އަނބިކަނބަލުންނާ ވަކިން ލޯބިވެރިޔަކާ އެކުގައެވެ.
މިއަޑުތައް ގަދަވުމުގެ ސިއްރަކީ ލޯބިވެރިންގެ ދުވަސްކަމަށް ބައެއް މީހުން ގަބޫލުކުރާ ފެބްރުއަރީ ސާދަވަނަ ދުވަސް އަނބިކަނބަލުންނާ ދުރުގައި ޕްރިންސް ވިލިއަމް ހޭދަކުރެއްވުމުންނެވެ. ޕްރިންސް ވިލިއަމްގެ ލޯބިވެރިޔާ ކަމަށް މީޑިއާއިން ގަބޫލުކުރަނީ ރޯސް ހެންބަރީ ނަމަކަށް ކިޔުނު އަންހެނެކެވެ. މިއީ ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަންގެ ކުރީގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި ސިއްރުވެރިޔާވެސްމެއެވެ. ކުރިން ދެންނެވި ދުވަހު ޕްރިންސް ވިލިއަމް އުޅުއްވީ އެ އަންހެންމީހާގެ ގާތުގައެވެ.
ކޭޓްގެ ކުރީގެ އެންމެ ގާތް އެކުވެރިޔާއާ ލޯބީގެ ގުޅުމެއް ފިރިކަލުން ބާއްވަވާކަން ކޭޓަށްވެސް އެނގިވަޑައިގަންނަވާ ކަމަށްވެއެވެ. ފެބްރުއަރީ ސާދައިގައި ފިރިކަލުންގެ ފަރާތުން އެއްވެސް ހަދިޔާއެއް އަދި އެފަދަ އެނޫން އެއްޗަކަށްވެސް އުންމީދު ނުކުރައްވާ ކަމަށް ޚުދު ކޭޓްވެސް ވަނީ ވިދާޅުވެފައެވެ. އެހިސާބުން މިކަން ގޯސްވެފައިވާ މިންވަރު ވަނީ ވަރަށް ބޮޑަށް ތިލަވެގެން ގޮސްފައެވެ.
އުމުރުފުޅުން 40 އަހަރުވީ ޕްރިންސް ވިލިއަމްގެ ލޯބިވެރިޔާ ކަމަށް ބުނެވޭ ރޯސް ހެންބަރީގެ އުމުރަކީ 38 އަހަރެވެ. އެހެންވީމާ ކޭޓް މިޑްލްޓަނަށްވުރެ އޭނާ ތިންއަހަރު ހަގެވެ. ރޯސްއަކީ ހުސްހަށިބައި އަންހެނެއްވެސް ނޫނެވެ. ފިރިއަކު އެބަހުއްޓެވެ. ދެކުދިންވެސް އެބަތިއްބެވެ. ރޯސްގެ ފިރިމީހާއަކީ ޕްރިންސް ވިލިއަމާ ދުރުތާ ތިމާގެ މީހެކެވެ. ރޯސް އާއި ވިލިއަމްގެ ސިއްރު ގުޅުން މީޑިއާއަށް އެންމެ ފުރަތަމަ ތިލަވީ 2019 ވަނަ އަހަރު ބޭއްވުނު ޕްރައިވެޓް ޕާޓީއެއްގެ ތެރޭގައި އާދަޔާ ޚިލާފަށް ގައިގޯޅިވެގެން އުޅުނު ފޮޓޯތަކެއް ލީކުވުމުންނެވެ.