ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފުނަދޫއާ ދާއިރާގެ ރަށްތަކަށް ރައީސް ގިނަ ވައުދުތަކެއް ވެވަޑައިގެންފި

ޝަހީދާ އަބްދުﷲ ސައީދު

އެމްޑީޕީގެ ޓިކެޓްގައި ފުނަދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ޝާހިދުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ފުނަދޫގައި ގިނަ މަޝްރޫއުތަކެއް ހިންގަވާނެކަން ހާމަކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސް، ފުނަދޫއަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ފުނަދޫގައި ހުރި އަތޮޅު ހޮސްޕިޓަލް އައިސީޔޫއާއެކު ޒަމާނީ ފެންވަރަށް ބަދަލުކޮށް، އިތުރު ވަސީލަތްތައް ގާއިމްކޮށްދެއްވާނެ ކަމަށެވެ.

އަދި ފުނަދޫ ހިއްކި ބިމުގައި، އަލަށް އާބާދުވި ހިސާބުގައި ނަރުދަމާގެ ނިޒާމު ގާއިމްކޮށްފައި ނެތުމުން އެސަރަހައްދުގައި ނަރުދަމާގެ ނިޒާމު ގާއިމްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މަގުތައް ހަދާފައިވަނީ ފެނުގެ ނިޒާމު ގާއިމް ނުކޮށް ކަމަށްވާތީ އިތުރަށް ހޮޅި ވަޅުލައިގެން އަލުން މަގުތައް ހަދަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އެރަށު ސުކޫލުގައި ޖާގައިގެ ދަތިކަން ދިމާވެފައި ވާތީ އެކަމަށް ހައްލު ހޯދުމުގެ އިތުރުން، އިތުރު ކުލާސްރޫމްތައް އަޅައި ޒަމާނީ ފެންވަރުގެ ސުކޫލަކަށް، އެ ސްކޫލް ހެދިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އަދި ދާއިރާގައި ހިމެނޭ މާއުނގޫދު ގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަށް މިހާރު ބިޑަށް ހުޅުވާލާފައިވާކަމަށާއި ދާދި އަވަހަށް ބިޑުގެ މަސައްކަތް ނިންމައި މިއަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެރަށު ސުކޫލުގައި މަލްޓިޕާޕަސް ހޯލެއްވެސް މިއަހަރުގެ ތެރޭގައި ގާއިމްކުރައްވާނެ ކަމަށާއި، މާއުނގޫދޫގައި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް މިއަހަރުގެތެރޭގައި ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން އެދާއިރާގައި ހިމެނޭ ޅައިމަގުގައި ވެސް ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި ޒުވާނުންނަށް ބޭނުންވާ ފުޓްސަލް ދަނޑުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޅައިމަގުގައި ފެނާއި ނަރުދަމާގެ މަސައްކަތް މިއަހަަރުގެ ބަޖެޓްގައި ހިމެނިފައި ނެތް ނަމަވެސް އެކަމަށް ހައްލެއް ގެނެސްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމެއް ތަރައްގީ ވާނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެވިގެން ކަމަށާއި ވެރިންނަކީ ނަޒާހަތްތެރި ބަޔަކަށް ވެވިގެން ކަމަށެވެ.