ކޯޓުތަކަށް ބާރުފޯރުވުމުގެ މައްސަލައައް އޮތް ހައްލަކީ ޝަރުއީ ނިޒާމް އިސްލާހުކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ވ.ފެލިދޫގައި މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ މަޖިލީހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ އިންސާފު ލަސްވެއްޖެ ނަމަ އެއިންސާފު ނުލިބުނީ ކަމަށް ވިދާޅުވެފައެވެ. އަދި ގާނޫނު އަސާސީގައި އިންސާފާއި ގުޅޭ ގޮތުން ވަނީ ވީހާވެސް އަވަހަށް އިންސާފު ހޯދައި އެކަން ނިންމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ޝަރުއީ ކޯޓުތަކުގައި މައްސަލަތައް ލަސް ކުރަނީ ކޮންސަބަބަކާ ގުޅިގެންތޯ ނަޝީދު ވަނީ ސުވާލު އުފައްދަވާފައެވެ.
''އަޅުގަނޑުމެންނަށް ވެސް ދެންނެވިދާނެ އަޅުގަނޑުމެން ކޯޓު ތެރެއަށް އަތްލައިގެން މިހެންމިހެން، އެހެން، އެހެން ހަދާނަމޭ. އެއީއަކީ ހައްލެއް ނޫން. ހައްލަކީ ޝަރުއީ ނިޒާމް އިސްލާހު ކުރުން.''
އެޖެންޑާ 19ގެ ދަށުން ރައްޔިތުންނަށް ކޮށްދޭނެ އެންމެ މުހިއްމު އެއްކަމަކަށް ވެގެން ދާނީ ރާއްޖޭގެ ކޯޓުތައް އިސްލާހު ކުރުން ކަމަށް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ނަޝީދު ވަނީ ރާއްޖޭގެ ވަޒީފާގެ މާހައުލު އޮތްގޮތާއި ގުޅެގޮތުން ވާހަކަ ދައްކަވާފައެވެ.
އެގޮތުން ރާއްޖޭގައި އެއްލައްކަ ހަތްދިހަ ހާހައްވުރެ ގިނަ ބޭރު މީހުން މަސައްކަތް ކުރާއިރު، އެމްޑީޕީގެ އެޖެންޑާ 19ގެ ދަށުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅި، ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ތަނަވަސް ވެގެން ދާނެކަމަށް ވިދާޅުވިއެވެ. އަދި އެންމެ ކުޑަ އުޖޫރަ ކަނޑަ އެޅުމުން ބިދޭސީންނަށް ދައްކަން ޖެހޭ އެކި ފީ، ބޮޑުވުމުން ބޭރު މީހުންނަށް ވުރެ ދިވެހިންނަށް ވަޒީފާ ދޭލެއް އިތުރު ވާނެކަމަށް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ވަޒީފާގެ މައްސަލައަކީ ރާއްޖޭގައި އޮތް މައްސަލައެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖޭ ގައި ވަޒީފާ ނެތިގެން ނޫޅޭ ކަމަށާއި ނެތިގެން އުޅެނީ ހެޔޮގޮތުގައި ވެރިކަމެއް ކުރެވޭނެ ގޮތެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ ހެޔޮ ގޮތުގައި އޯގަތެރި ވެރިކަމެއް ކުރުމަށް އެމްޑީޕީއަށް ބަރޯސާ ކުރުމަށް އެދިވަޑައިގެންފައެވެ.