ރައްޔިތުންގެ މަޖިލީހުގެ އިިންތިހާބުގައި ހއ. ދިއްދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ އަބުދުﷲ ވަހީދުގެ ކޮރަޕްޝަން މައްސަލައެއް އުޅޭކަމަށްބުނެ އެކަން ރައީސުލް ޖުމްހޫރިއްޔާ އާއި އެމްޑީޕީގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަމަށް ގެނަސްފައިވާކަމަށް އެ ދާއިރާގެ ރައްޔިތަކު ބުނެފިއެވެ.
އަބުދުﷲ ވަހީދުއާ ގުޅޭ ބައެއް ކަންކަން ފާހަކޮށް ދިއްދޫ މީހަކު ރައީސުލް ޖުމްހޫރިއްޔާ އަށާއި ރައީސް ނަޝީދަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ، "އަޕަރ ނޯތު ޔުޓިލިޓީސް" ހިންގިއިރު އެތަނުގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނަވައިގެން، ފިނޭންސް މިނިސްޓްރީން ކަނޑައެޅި އުސޫލާ ޚިލާފަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މުސާރަ ބޮޑުކުރި މައްސަލައެއް އޭސީސީން ބެލުމަށްފަހު ދައުވާ ކުރުމަށް ޕީޖީއޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ދެހާސް ފަނަރަވަނަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފައިވަނީ، 2010 ވަނަ އަހަރު، އޭރުގެ ސަރުކާރާއި ސަރުކާރުން ބައިވެރިވާ ކުންފުނިތަކުގެ ބޯޑާއި ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރަށް ދެވޭ މުސާރައާއި އިނާޔަތް އެއް ހަމައަކަށް ބައްޓަން ކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީން ސްޓްރަކްޗާއެއް ތައްޔާރުކޮށްފައިވާ ކަމަށާއި އަދި އެގޮތަށް އެކަން ބަދަލު ކުރުމަށް ރައީސް އޮފީހުންވެސް ހުއްދަ ދީފައިވާ ކަމަށެވެ.
އެހެންނަމަވެސް އަޕަ ނޯތު ޔުޓިލިޓީސް ކުންފުނީގެ އިސް ވެރިން އެގޮތަށް އަމަލުނުކޮށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ވަހީދަށް އިދާރީ އެލަވަންސެއްގެ ގޮތުގައި 10،500 ރުފިޔާ އަދި އެ ކުންފުނީގެ ޗެއާމަން އަހުމަދު ޝަފީގަށް އިދާރީ އެލަވަންސެއްގެ ގޮތުގައި 6،000 ރުފިޔާ ހަމަޖައްސާފައިވާ ކަމަށް އޭސީސީން ބުނެފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ކަނޑައެޅި އުސޫލާ ޚިލާފަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މުސާރަ ބޮޑުކުރި ކުރީގެ "އަޕަރ ނޯތު ޔުޓިލިޓީސް"ގެ އިސްވެރިންތަކެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އޭރު ވަނީ ފޮނުވައިފައެވެ.
އޭސީސީން އޭރު ބުނެފައިވަނީ، އަޕަ ނޯތު ޔުޓިލިޓީސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން އެ ކުންފުނީގެ ބޯޑުގެ މެމްބަރުންނަށް ވެސް ފިނޭންސުން ކަނޑައަޅާފައިވާ އިނާޔަތްތަކާއި މުސާރައަށް ވުރެއް އިތުރަށް ފައިސާ ދީފައިވާ ކަމަށް އެފަރާތުން ތަހުގީގު ކުރިއިރު ފާހަގަކުރެވުނު ކަމަށެވެ.
އިބްރާހިމް ޝަފީގު "ވަން އޮންލައިން" އަށް ބުނީ ރައީސުލް ޖުމްހުރިއްޔާ އާއި ރައީސް ނަޝީދުގެ ސަމާލުކަމަށް އޭނާ އެމައްސަލަ ގެނައީ އެފަދަ މައްސަލައެއް ސަމާލުަކަށް އަތުވެއްޖެނަމަ އެ މައްސަލަ ވީހާ އަވަހަކަށް ބައްލަވައި އެކަންކަން ރަނގަޅަށް ސާފު ކުރައްވައި އެކަންކަން އޮތްގޮތެއް އޮޅުން ފިލުއްވައި ސާފު ކުރައްވައި ހާމަކުރައްވަމުން ގެންދަވަތީ ކަމުގައެވެ.