އަމީނީ މަގުގައި ތާރު އަޅަން ފަށައިފިއެވެ.
އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިރޭ އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ.
އެމްޓީސީސީން މިރޭ ބުނީ އަމީނީ މަގުގެ އެންމެ އިރުން ފެށިގެން ސްޓެލްކޯއާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް މިރޭ ނިންމައިލެވޭނެ ކަމަށާއި އަމީނީ މަގުގެ ތިން ސެގްމެންޓެއްގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެމްޓީސީސީން މައުލޫމާތުދޭ ގޮތުގައި އެ މަޝްރޫއުގެ ދަށުން 2،511 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 2،511 އަކަ މީޓަރުގެ ސަބްގްރޭޑް އެޅުމާއި، 2،511 އަކަ މީޓަރުގެ އޭބީސީ އެޅުމާއި، 2،511 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕްރައިމް ކޯޓް އެޅުން ހިމެނެއެވެ.
ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތިންވަނަ ދުވަހު، 210 މިލިއަން ރުފިޔާއަށެވެ. އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. އާރުޑީސީން އެ މަގު ތަރައްގީކުރަން ނިންމާފައިވަނީ ޒަމާނީ ފެންވަރަށް ތާރު އަޅައިގެންނެވެ. އެ މަގުގައި ފުރޮޅުލީ ގޮނޑި ބޭނުންކުރާ މީހުންނަށް ފަސޭހައިން މަގަށް ވަދެ ނުކުމެވޭނެ ގޮތް ހެދުމާއި މަގުގައި ބްރެއިލް ބްލޮކްސް އަތުރާނެ ކަމަށް ވެސް އާރުޑީސީން ބުނެފައިވެއެވެ. އަދި ޒަމާނީ ފެންވަރުގެ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގުބައްތިވެސް ހަރުކުރާނެ ކަމަށް ބުނެފައިވެއެވެ.
ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީކުރަން އާރުޑީސީއާ ހަވާލުކޮށްފައިވަނީ ހަތް މަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މުއްދަތުގެ ކުރިން މަގުގެ މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރާނެ ކަމަށް އާރުޑީސީން ބުނެފައިވީ ނަމަވެސް، މަސައްކަތް ނިންމިފައެއް ނުވެއެވެ.
އަމީނީ މަގުގެ މިހާރު ނިމިފައިވާ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް އާރުޑީސީން، އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމާ ގުޅިގެން އަކްރަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އާރުޑީސީގެ ތާރު މެޝިން ބަހައްޓާނެ ބިމެއް ކަނޑައެޅިފައިނުވާތީ ކަމަށާއި ބިން ހަމަޖެހުމުން އަމީނީ މަގުގެ ތާރު އެޅުމުގެ މަސައްކަތް ކުރާނީ އާރުޑީސީން ކަމަށެވެ.
އާރުޑީސީއަށް އަމީނީ މަގުގެ މަސައްކަތް އަވަސްމިނެއްގައި ކުރިއަށް ނުގެންދެވޭކަމަށް ބުނެ ވަރަށް ގިނަ ފަރާތްތަކުން ވަނީ ފާޑު ކިޔައިފައެވެ. ފާޑު ކިޔުން އަމާޒުވެފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގައި ޕްލޭނިން މިނިސްޓްރު މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ އަމީނީ މަގުގެ މަސައްކަތް ނިންމައިލެވޭނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހަށް ކަމަށެވެ.