ޚަބަރު

ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ އުންމީދު ކުރާނެ: އިލްހާމް

ޖުމްހޫރީ ޕާޓީގައި ތިއްބެވި ސިޔާސީ ބޭފުޅުން އެ ޕާޓީން ރިޔާސީ އިންތިހާބުގައި ކުރިމަތިލާނެ ކަމަށް އުންމީދުކުރައްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު، އިލްހާމް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖޭޕީން މިއަދު ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލްހާމް ވިދާޅުވީ، ޕާޓީގައި ތިއްބެވި ކައުންސިލް މެންބަރުންނާއި ސިޔާސީގޮތުން ގުޅިފައިވާ ބޭފުޅުންގެވެސް އުންމީދުތަކެއްވާނެ ކަމަށާއި ޖުމްހޫރީ ޕާޓީއަކީ މިއަދު ލީޑާޝިޕަށް ބަލާއިރު އެންމެ ބޮޑު ލީޑާޝިޕް އޮތް ޕާޓީ ކަމަށެވެ.

"އެ ބޭފުޅުން އުންމީދުކުރައްވާނެ ރިޔާސީ އިންތިހާބުގަ ވާދަކުރައްވަން. އެ ބޭފުޅުންގެ ވެސް އުންމީދަކަށް ވާނީ އޮނަރަބަލް ގާސިމް އިބްރާހިމް ނުވަތަ ޖޭޕީގެ އެފަދަ ހުނަރުވެރިއަކު، އެފަދަ ގާބިލު ބޭފުޅަކު ހުރެއްޖިއްޔާ އިންތިހާބުގަ ވާދަކުރައްވަން. އެ އިންޓްރެސްޓް ހުންނާނެކަމީ ޝައްކެއް އޮތް ކަމެއް ނޫން،" އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ، ރިޔާސީ އިންތިހާބާ މެދު ޖޭޕީން ގޮތެއް ނިންމާނީ އެ ޕާޓީގެ ކޮންގްރެސް ނިމި ކައުންސިލުން ރިޔާސީ ކެނޑިޑޭޓާ ބެހޭ ގޮތުން ބަހުސް ފެށޭ ހިސާބުން ކަމަށެވެ.

ޖޭޕީގެ ސަފުތައް ރުކުވާލައިފިނަމަ، އެންމެ ގިނަ މަގާމު އަދާކުރެއްވި ބޭފުޅުން ތިއްބެވީ އެ ޕާޓީގައި ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަން ޖޭޕީއާ ނުލައި އެއްވެސް ބަޔަކަށް ކާމިޔާބުވެފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އިލްހާމް އިތުރަށް ވިދާޅުވީ ޖޭޕީއަކިީ ހުރިހާ ޕާޓީއަކާއެކު މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވިފައިވާ ޕާޓީއެއް ކަމަށާއި ނަމަވެސް އިދިކޮޅު ޕީޕީއެމާއެކު ކުރެވުނީ ރީތި ރަޖުތިބާއެއް ނޫން ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ހަތަރުވަނަ ކޮންގްރެސް މި މަހުގެ 24 ވަނަ ދުވަހުން 25 ވަނަ ދުވަހަށް ބާއްވަން ވަނީ ނިންމައިފައެވެ.