މިދިޔަ އަހަރު ފްރާންސްގެ ޕެރިހުގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލް ކުރިން ލިވަޕޫލް ސަޕޯޓަރުންނަށް ކުރިމަތިވި ނުތަނަވަސްކަމުގެ ފުރިހަމަ ޒިންމާ ޔޫއެފާއިން ނަގަން ޖެހޭ ކަމަށް މިނިވަން ރިޕޯޓަކުން އާންމުކޮށްފިއެވެ.
ފްރާންސްގެ ޕެރިސް ސްޓާޑޭ ޑި ފްރާންސް ސްޓޭޑިއަމްގައި މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް މެޗު ކުޅެފައިވާ އިރު، ޓިކެޓްތަކުގެ މައްސަލައެއްގައި މެޗަށް ނުވަދެވި އެތައް ސަޕޯޓަރުނެއް ހަޅުތާލު ކުރަން ޖެހިފައިވެއެވެ. އެއީ އިންތިޒާމްތައް ދަށްވެ، މެޗު ފެށިއިރުވެސް ބައެއް ސަޕޯޓަރުންނަށް ނުވަދެވި، ކަންކަން ބޮއްސުންލައިގެން ދިޔުމާވެސް އެކުގައެވެ.
ޕެރިހުގެ ސްޓާޑޭ ޑި ފްރާންސްގެ ސްޓޭޑިއަމަކީ 75،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. މިދިޔަ އަހަރު މޭ މަހުގެ 28 ވަނަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗު ފެށުންވެސް ފަސްކުރަން ޖެހިފައިވައިރު، ފްރާންސްގެ ފުލުހުން ބުނެފައި ވަނީ މައްސަލަ ދިމާވީ ޓިކެޓް ނެތް ލިވަޕޫލް ސަޕޯޓަރުންތަކެއް ސަބަބުން ކަމަށެވެ.
ފްރާންސްގެ އިދާރާތަކުން އެހެން ބުނުމާއެކު ލިވަޕޫލުން ފަހުން ވަނީ އެކަމުގައި ބަޔާން ނެރެ، އެ މައްސަލަ ބެލުމަށް ގޮވާލައިފައެވެ. އެ މައްސަލަ މިނިވަން ކޮމިޝަނަކުން ބަލާފައިވާ އިރު، އެ ކޮމިޝަނުން ބުނީ ފައިނަލްގެ ކުރިން ދިމާވީ ނުރައްކާތެރި މައްސަލައެއް ކަމަށެވެ. އެ ކޮމިޝަނުން ބުނެފައި ވަނީ "މީހަކު މަރުނުވެ ސަލާމަތްވުމަކީ ނަސީބަކުން،" ވި ކަމެއް ކަމަށާއި، ބޮޑު ހާދިސާއެއް ހިނގުމާ ގާތަށް އެ މެޗުގެ ކުރިން ކަންކަން ދިޔަ ކަމަށެވެ.
ކޮމިޝަނުން ބުނީ ޓިކެޓް ނެތް ސަޕޯޓަރުން މެޗަށް ވަންނަން އުޅުނު ކަމުގެ ހެއްކެއް ނެތް ކަމަށާއި، އިންތިޒާމުތައް ގޯސްވުމުގެ ޒިންމާ ނަގަން ޖެހެނީ ޔޫއެފާ އާއި އިވެންޓް އޮގަނައިޒް ކުރި ފަރާތުގެ އިތުރުން ފްރާންސްގެ އެފްއޭ ކަމަށެވެ.
ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ ލިވަޕޫލްގެ އެތައް ސަޕޯޓަރުންނެއް މެޓްރޯއިން ސްޓޭޑިއަމަށް ދާން އިރުޝާދު ދިން މަގަކީ އެކަމަށް އެކަށޭނެ މަގެއް ނޫން ކަމަށާއި، މައްސަލަތައް ކުރިމަތިވީ ސްޓޭޑިއަމް ކައިރިންވެސް މާ ބޮޑަށް ބާރު ބޮޑުވެގެން ކަމަށެވެ. އެ ހަމަނުޖެހުންތައް ހުއްޓުވަން ފުލުހުން ކަރުނަގޭހާއި ބާރުތައް ބޭނުންކުރުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ކޮމިޝަނުގެ ރިޕޯޓުގައި ވެއެވެ.
މިދިޔަ އަހަރު ޗެމްޕިއަންސް ލީގު ފައިނަލް ފުރަތަމަ ކުޅެން އޮތީ ރަޝިއާގައި ނަމަވެސް، ރަޝީގެ ހަނގުރާމައިގެ ސަބަބުން، ރަޝިއާއަށް ފިޔަވަޅު އެޅުމަށް ޔޫއެފާއިން ވަނީ ފައިނަލް ޕެރިހަށް ބަދަލު ކޮށްފައެވެ.